ދުނިޔެ

އޭއައި އަށް ދީފައިވާ އިރުޝާދުތަކާ އެކު ތަޤުރީރު ކިޔާ ނިންމާލައިފި

އޭއައި އަށް ދީފައިވާ އިރުޝާދުތަކާ އެކު ތަޤުރީރު ކިޔާ ނިންމާލައިފި

ބިލް އޮލިވަރް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖުލައި 2026، 06:42

29 ޖުލައި 2026، 06:42

ކެނެޑާގެ ނިއު ބްރަންސްވިކްގެ ލެޖިސްލޭޓިވް އެސެމްބްލީގައި ތަޤުރީރު ކުރައްވަމުން ގެންދަވަނިކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލިޔެފައިވާ އިރުޝާދެއް (ޕްރޮމްޕްޓް) އޮޅިގެން ކިޔައިލެވުމާ ގުޅިގެން ކެނެޑާގެ ސިޔާސީ ބޭފުޅަކު މުޅި ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކެނެޑާގެ ނިއު ބްރަންސްވިކްގެ ޕްރޮގްރެސިވް ކޮންޒަވޭޓިވް ޕާޓީގެ މެންބަރެއް ކަމަށްވާ ބިލް އޮލިވަރް، މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ގެންދަވަނިކޮށެވެ. އޮލިވަރްގެ ތަޤުރީރުގެ މެދުތެރެއިން އޭނާ ވަނީ ޗެޓް ޖީޕީޓީ ފަދަ އޭއައި ވަސީލަތްތަކުން ލިޔުންތައް އިޞްލާޙު ކުރުމަށްފަހު އާންމުކޮށް ފޮނުވާފަދަ އިރުޝާދެއް ކިޔައިފައެވެ.

އޮލިވަރް ކިޔައިލި ޖުމްލައިގައި އޮތީ، "މިއީ ކުރިން ހުރި ކުރު ނުކުތާތަކަށްވުރެ ބޮޑަށް، ގާނޫނު ހަދާ މަޖިލީހުގެ ތަޤުރީރަކާ ގުޅޭނޭ ފަދަ އޮމާން، ގުދުރަތީ ގޮތެއް ހުރި މާނައެކެވެ،" މިފަދައިންނެވެ. މިއީ އޭއައި މެދުވެރިކޮށް ލިޔުމެއް ރީތިކޮށްލުމަށް އެދުމުން އެ ވަސީލަތުން ދީފައިވާ ޖުމްލައެއްކަން ސާފުކޮށް އެނގެން އޮތް ނަމަވެސް، އޮލިވަރް ވަނީ އެއްވެސް ޖެހިލުމެއް ނެތި އެ ޖުމްލަ ކިޔައިލުމަށްފަހު ތަޤުރީރު ކުރިއަށް ގެންގޮސްފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ކަމަށްވީ ނަމަވެސް، މި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު މިކަން ވަނީ ވަރަށް ބޮޑަށް ގުގުމާލާފައެވެ.


މިކަމާ ގުޅިގެން އޮލިވަރް ފަހުން ވިދާޅުވީ، އޭނާ ތައްޔާރުކުރި ކުރު ނުކުތާތަކެއް ތަޤުރީރެއްގެ ސިފައަށް ބަދަލުކުރުމަށް އޭއައިގެ އެހީތެރިކަން ހޯއްދެވި ކަމަށެވެ. ނަމަވެސް، ތަޤުރީރު ކުރުމުގެ ކުރިން އެ ލިޔުން ރަނގަޅަށް ޗެކްކޮށްފައި ނުވުމަކީ އޭނާއަށް ކުރިމަތިވި ވަރަށް ބޮޑު ގޯހެކެވެ.

މި ހާދިސާއާއެކު، ސިޔާސީ ދާއިރާގައި އޭއައި ބޭނުންކުރުމާ މެދު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މައްސަލައަކީ އޭއައި ބޭނުންކުރުން ނޫން ކަމަށާއި، ނަމަވެސް ރަސްމީ މަސްއޫލިއްޔަތުތައް އަދާކުރާއިރު އަމިއްލަ ޒިންމާ ދޫކޮށްލައި، ފަރުވާކުޑަވުން ކަމަށެވެ.

އެކްސް، ރެޑިޓް އަދި އިންސްޓަގްރާމް ފަދަ މަންސަތަކުގައި މި ވީޑިއޯއަށް މިލިއަނުން ވިއުސް ލިބިފައިވާއިރު، ގިނަ ބަޔަކު ދަނީ މިއީ ސިޔާސީ ބޭފުޅުން އަމިއްލަ ފިކުރަށްވުރެ ބޮޑަށް ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

މި ހާދިސާއަކީ ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދި ނަމަވެސް، އިންސާނީ ބުއްދިއާއި ފަރުވާތެރިކަން އިސްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ފިލާވަޅެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450