ސައިންސް
އެކަނި އުޅޭއިރު ބިރުގަތަސް، ޖަމާޢަތުގައި އުޅޭއިރު ކުރަފި ދުލެއްނުދޭ
ކުރަތްޕެއް
ދިރޭތަކެތީގެ އާބާދީތަކުގެ ރައްކާތެރިކަމާއި ދެމިއޮތުމުގައި 'ކަލެކްޓިވް މެމޮރީ' އަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ގިނަ ދިރޭތަކެތި ޖަމާޢަތް ހަދައިގެން އުޅުމުގެ މައިގަނޑު މަޤްޞަދަކީ ހިމާޔަތް ހޯދުމެވެ. މިގޮތުން، ޝިކާރަކުރުމުގެ އުކުޅުތަކާއި، ހިޖުރަކުރާނެ މަގުތަކުގެ އިތުރުން، އަމާން ހިޔާވަހިކަން ހޯދާނެ ގޮތްތަކުގެ މަޢުލޫމާތު، އިޖުތިމާޢީ އުނގެނުމުގެ ތެރެއިން އެއް ޖީލުން އަނެއް ޖީލަށް ދަނީ ފޯރުކޮށްދެމުންނެވެ. ނަމަވެސް، ހުރިހާ ދިރޭތަކެއްޗެއްގައި މިފަދަ ހަނދާންތައް އުފެދޭ ގޮތް ތަފާތެވެ.
ބެލްޖިއަމްގެ 'ޔުނިވަރސިޓީ ލިބްރޭ ޑި ބްރަސަލްސް' ގެ ސޯޝަލް އިކޮލޮޖިސްޓް މާރިއާނޯ ކަލްވޯ މާޓިން 2023 ވަނަ އަހަރު އިސްކޮށް ހުންނަވައި ކުރިއަށްގެންދެވި ދިރާސާއަކުން ދައްކާގޮތުގައި، ކުރަފީގެ ޖަމާޢަތްތަކުގައި އުފެދޭ ހަނދާނަކީ ސީދާ އެސޮރުމެންގެ އިޖުތިމާޢީ އޮނިގަނޑާއި އޮންނަ ގުޅުންތަކުގެ ނަތީޖާއެކެވެ. މާޓިން ބަޔާންކުރައްވާ ގޮތުގައި، ކުރަފިތަކުގެ މެދުގައި އޮންނަ އިޖުތިމާޢީ މުޢާމަލާތްތަކަކީ ޖަމާޢަތުގެ ހަނދާން ދެމެހެއްޓުމަށް ފުދޭވަރުގެ ވަރުގަދަ ކަމެކެވެ.
އާންމުގޮތެއްގައި ކުރަފި ދިރިއުޅެން ލޯބިކުރަނީ އަނދިރި އަދި ތެތްކަން ހުންނަ މާޙައުލުތަކުގައެވެ. ދިރާސާވެރިން ބަލަން ބޭނުންވީ، މިފަދަ މާޙައުލަކަށް ދާއިމީ ބަދަލެއް އަތުވެއްޖެނަމަ ކުރަފިތައް އަމަލުކުރާނެ ގޮތެވެ. ބައެއް އިލްމީ ތިއަރީތަކުން ދައްކާގޮތުގައި، ވަކި ޖަމާޢަތްތަކުން އެއްފަހަރު ނިންމާ ނިންމުމެއްގައި، މާޙައުލު ބަދަލުވި ކަމުގައިވިޔަސް ސާބިތުވެ ތިބެއެވެ. 2015 ވަނަ އަހަރުގެ ދިރާސާއަކުން ވެސް އެނގުނު ގޮތުގައި، 'ޕެރިޕްލަނީޓާ އެމެރިކާނާ' އަކީ މާޙައުލަށް އަންނަ ވަގުތީ ބަދަލުތަކަށް ނުހަނު ކެތްތެރި އެއްޗެކެވެ.
މިކަން ތަހުލީލު ކުރުމަށްޓަކައި މާޓިންގެ ޓީމުން ދެ ހިޔާވަހިކަމެއް ތައްޔާރުކުރިއެވެ. އެއް ތަނެއްގައި ރަތް ބައްތި (ކުރަފިތަކަށް މިއީ އަނދިރި ތަނެއްގެ ގޮތުގައި އިޙްސާސްވާ، ގަޔާވާ ކުލައެކެވެ) އަދި އަނެއް ތަނުގައި ފެހި ބައްތި ބޭނުންކުރިއެވެ. ބެލެވުނު ފަދައިން، ގިނަ ކުރަފިތައް ފުރަތަމަ އިޚްތިޔާރުކުރީ ރަތް ބައްތި ހުރި ތަނެވެ. ނަމަވެސް، ދިރާސާވެރިން ބައްތިތައް ބަދަލުކޮށްލުމުން، އެކަނި އުޅޭ ކުރަފިތައް ވަގުތުން ފެހި އަލި ދޫކޮށް ރަތް އަލި ހުރި ތަނަށް ހިޖުރަކުރިއެވެ. އެކަމަކު ބޮޑެތި ޖަމާޢަތްތަކުގައި ތިބި ކުރަފިތަކުގެ އަމަލުތައް މުޅިން ތަފާތެވެ. އެސޮރުމެން ކުރިން ތިބި ތަން ފެހި އަލިވި ނަމަވެސް، އެތަން ދޫކޮށް ނުގޮސް އެކުގައި މަޑުކުރިއެވެ.
މި ނަތީޖާއިން ސާބިތުވަނީ، މިއީ ވަކިވަކި ކުރަފިތަކުގެ ސިކުނޑީގައި ރައްކާކުރެވިފައިވާ ހަނދާނެއްގެ ސަބަބުން ވާކަމެއް ނޫން ކަމެވެ. އޭގެ ބަދަލުގައި، މިއީ އެސޮރުމެންގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުމުގެ ބާރުގަދަކަމުން ވާކަމެކެވެ. ކޮންމެ ކުރަތްޕެއްވެސް ބޭނުންވަނީ އެހެން ކުރަފިތައް ގިނައިން ތިބޭ ތަނެއްގައި މަޑުކުރުމަށެވެ. މި އިޖުތިމާޢީ ދަމާބާރު މާޙައުލުގެ ބަދަލަށްވުރެ ވަރުގަދަވުމުން، ޖަމާޢަތެއްގެ ގޮތުގައި އެސޮރުމެންނަށް 'ހަނދާނެއް' ހުރި ފަދައިން އެއްތަނެއްގައި ދެމިތިބެވެނީއެވެ. ކޮމްޕިއުޓަރު ސިމިއުލޭޝަންތަކުން ވެސް މިކަން ވަނީ ކަށަވަރުވެފައެވެ.
މި ހޯދުންތަކުން އެނގެނީ ޖަމާޢަތުގެ ހަނދާނަކީ ހަމައެކަނި ސިކުނޑީގައި ރައްކާކުރެވޭ މަޢުލޫމާތެއް ނޫން ކަމާއި، އެއީ އިޖުތިމާޢީ އޮނިގަނޑުގެ ތެރެއިން އުފެދިގެން އަންނަ ކަމެއް ކަމެވެ. ދިރާސާވެރިން ދެކޭގޮތުގައި މިއީ ހަމައެކަނި ކުރަފީގެ މެދުގައި އޮންނަ ސިފައެއް ނޫނެވެ. މަސްއައިތަކާއި، ދޫނިތަކާއި، ހިނި ފަދަ ޖަމާޢަތް ހަދައިގެން އުޅޭ ދިރޭތަކެތީގެ އިތުރުން އިންސާނުންގެ ތެރޭގައި ވެސް މިފަދަ އިޖުތިމާޢީ ހަނދާންތައް ހުރުމަކީ ވަރަށް ގާތް ކަމެކެވެ. މި ދިރާސާ ޝާއިޢުކޮށްފައިވަނީ މަޝްހޫރު 'ޕްލޮސް ވަން' މަޖައްލާގައެވެ.