ވިޔަފާރި / ޚަބަރު
މިފްކޯގެ "ފަސްމީރު" ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭ ޚާއްސަ ހަދިޔާ ޕެކެއް ބާޒާރަށް ނެރެފި
މިފްކޯއިން ތައާރަފްކުރި ހަދިޔާޕެކް ފޮޓޯ: މިފްކޯ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަގުބޫލު "ފަސްމީރު" ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭހެން ތައްޔާރުކޮށްފައިވާ ޚާއްސަ ހަދިޔާ ޕެކެއް އެ ކުންފުނިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މިފްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕެކޭޖަކީ ދިވެހިވަންތަ ކަނޑުމަހުގެ މީރު ރަހަތައް އެހެން ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މި ހަދިޔާ ޕެކްގައި ޖުމްލަ 12 މަސްދަޅު ހިމެނޭއިރު، މީގެ ތެރޭގައި ފަސްމީރު ބްރޭންޑުގެ ހަތަރު ރަހައެއް ހިމެނެއެވެ.
- ކަނޑުމަސް ގިތެޔޮ މިރުހާއެކު
- ކަނޑުމަސް ލުނބޮޔާއި މިރުހާއެކު
- ކަނޑުމަސް އަސޭމިރުހާއެކު
- ކަނޑުމަސް ހިކި މިރުހާއެކު
މި ހަދިޔާ ޕެކް ބާޒާރަށް ނެރެފައިވަނީ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެފަދަ ހެޔޮ އަގެއްގައެވެ. އެގޮތުން ވަކިވަކިން މަސްދަޅު ގަންނަން ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި، ކޮންމެ ވައްތަރަކުން 3 ދަޅު ހިމެނޭ މި ޕެކޭޖު މިހާރު 221 ރުފިޔާއަށް މިފްކޯގެ ފިހާރަތަކުން ބައްލަވައިގަނެވޭނެއެވެ.

މިފްކޯއިން ބުނީ މިއީ ދަތުރުފަތުރު ކުރާއިރު ފޮއްޓަށް ނުވަތަ ދަބަހަށް ލައިގެން ފަސޭހައިން އުފުލޭނެހެން ތައްޔާރުކޮށްފައިވާ ޕެކޭޖެއް ކަމަށެވެ. އަދި މި ޕެކޭޖު ފަރުމާކޮށްފައިވަނީ ހަދިޔާ ލިބޭ ފަރާތުގެ ނަންވެސް ޖަހައިލެވޭ ގޮތަށް ކަމަށްވާތީ، މިއީ ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ވަރަށް އެކަށީގެންވާ އުފެއްދުމެކެވެ. މި ހަދިޔާ ޕެކް މިހާރު މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކުން ލިބެން ހުންނާނެއެވެ.
ފަސްމީރަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ފުޅާދާއިރާއެއްގައި މަހުގެ އުފެއްދުންތައް ތައްޔާރުކޮށް ބޭރަށްނެރޭ މިފްކޯގެ މަޝްހޫރު ބްރޭންޑެކެވެ. މިފްކޯއިން ދަނީ އެކި ދުވަސްތަކާއި ދިމާކޮށް ބާޒާރަށް މުޅިން އާ އުފެއްދުންތައް ތަޢާރަފްކުރަމުންނެވެ. އެގޮތުން ދާދިފަހުން އެ ކުންފުނިން ވަނީ "ފަސްމީރު" ބްރޭންޑުގެ އުފެއްދުންތައް އަވަށްޓެރި ސްރީލަންކާގެ ބާޒާރަށްވެސް ރަސްމީކޮށް ތަޢާރަފުކޮށްފައެވެ.
ދެމެހެއްޓެނިވި މަސްވެރިކަމުން ފެންވަރު ރަނގަޅު އުފެއްދުންތައް އުފައްދައި، ބައިނަލްއަޤްވާމީ ބާޒާރުގައި ކުންފުނީގެ ވިޔަފާރި ފުޅާކުރުމަކީ މިފްކޯއިން ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ.