ޚަބަރު
ސިންތާތަކުގެ ސަބަބުން އައު މަޢުލޫމާތުތަކެއް ދަރިވަރުންނާއި ޒުވާނުންނަށް ލިބޭ: ވަޒީރު ހީނާ
"އަހުލިހަ ނަކަތުގެ ސިންތާ" ފޮޓޯ: ވުޒާރާ
ދިވެހި ޤައުމިއްޔަތުގެ އިސްވާރުން އިންތިޒާމުކޮށްގެން ސިލްސިލާކޮށް ބާއްވަމުންދާ ސިންތާތަކުގެ ސަބަބުން، ޤައުމިއްޔަތާއި ތާރީޚާ ގުޅޭގޮތުން މީގެކުރިން ނޭނގޭ ގިނަ އައު މަޢުލޫމާތުތަކެއް ޒުވާނުންނާއި ދަރިވަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދެވެމުންދާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހީނާ މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި "އަހުލިހަ ނަކަތުގެ ސިންތާ"ގައި ބައިވެރިވެވަޑައިގަތުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައެވެ. ވަޒީރު ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ދަރިވަރުންނާއި، ތާރީޚީ ޢިލްމަށް ލޯބިކުރާ ފަރާތްތަކާއި، މަޢުލޫމާތު އެއްކުރުމަށް ޝައުޤުވެރިވާ މީހުންނަށް އާ ގިނަ މަޢުލޫމާތުތަކެއް ލިބެމުންދާ ކަމަށެވެ. އަދި ދިރާސާތަކުގެ އަލީގައި، ޤައުމީ އަދި ވަޠަނީ މަޢުލޫމާތުތައް ސައްހަކަމާއެކު ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަދުގެ ސިންތާއަކީ ވެސް ވަރަށް ފުރިހަމަ، ވަރަށް ގިނަ މަޢުލޫމާތުތަކެއް ލިބުނު ސިންތާއެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ސިންތާތަކުގެ ބޭނުން ދިރާސާކުރާ ފަރާތްތަކުންވެސް ވީހާވެސް ބޮޑަށް ހިފުން،
ވަޒީރު ހީނާ ވަލީދު
މި ސިންތާ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންވާ އިސްވާރެއްކަމަށްވާ ކަށިމާ އަޙުމަދު ޝާކިރު ވިދާޅުވީ، އާއްމުންގެ ފަރާތުން މި ހަރަކާތަށް ވަރަށް ރަނގަޅު ތަރުޙީބެއް ލިބެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ތަރިކައާއި، ބަހާއި، ޤައުމިއްޔަތާ ގުޅުންހުރި މަޢުލޫމާތުތައް އެ ދާއިރާތަކުގެ ތަޖުރިބާކާރުން މެދުވެރިކޮށް ފޯރުކޮށްދެމުންދާ ކަމަށާއި، ކޮންމެ ނަކަތަކާ ދިމާކޮށް މިފަދަ ސިންތާތައް ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

މިއަދުގެ ސިންތާ ހުށަހަޅައިދެއްވީ އެމްއެންޑީއެފް ކޮމާންޑް ސަރޖަންޓް މޭޖަރ، އަބްދުﷲ ސައީދުއެވެ. އޭނާ ހުށަހަޅުއްވައިދެއްވީ ދިވެހިރާއްޖޭގެ މިނިވަންކަމާ ގުޅޭ ދިރާސާއެކެވެ. މި ދިރާސާގައި ރާއްޖޭގެ ތަބީޢީ ދިފާއީ ނިޒާމާއި، އެ ނިޒާމް ބަދަލުވަމުން އައި ގޮތާއި، އަސްކަރީ ނަޒަރަކުން ރާއްޖޭގެ މިނިވަންކަން އެކިފަހަރު މަތިން ގެއްލުނު ގޮތުގެ މައްޗަށް ބަލާލާފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ލަޝްކަރު ކުރިއާއި މިހާރު އޮތްގޮތުގެ ތަފާތުތައްވެސް މި ދިރާސާގައި ހިއްސާކުރައްވާފައިވެއެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވާރަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ ނިޒާމުގެ މުހިންމު ބައެކެވެ. މި ސިންތާތަކުގެ މައިގަނޑު މަޤްޞަދަކީ ޤައުމިއްޔަތާއި ތާރީޚުގެ ސައްޙަ މަޢުލޫމާތު އާއްމުންނަށް ޝައުޤުވެރި ގޮތެއްގައި ފޯރުކޮށްދިނުމެވެ.