ދުނިޔެ
ފަލަސްތީނުގެ ސްކޫލަކާއި ތިން ގެއެއް ތަޅާލުމަށް އިސްރާއީލުގެ ކޯޓުން ހުއްދަދީފި
ފަލަސްތީނުގެ އިމާރާތެއް އިސްރާއީލުން ހަލާކު ކޮށްލަނީ
ހިފާފައިވާ ހުޅަނގު އައްސޭރީގެ ދެކުނުން އޮންނަ މަސާފިރު ޔައްޓާގައި ހުރި ފަލަސްތީނު ކުދިން ކިޔަވާ ސްކޫލަކާއި ތިން ގެއެއް ތަޅާލުން ހުއްޓުވުމަށް ހުށަހެޅި އިލްތިމާސްތައް އިސްރާއީލުގެ އަސްކަރީ ކޯޓުން ބޭރުކޮށްލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އަސްކަރީ ކޯޓުން ވަނީ އެ ސަރަހައްދުގައި ހުރި އަންހެން ކުދިންގެ ސާނަވީ ސްކޫލަކާއި ތިން އާއިލާއެއްގެ ގެދޮރު ތަޅާލުމާ ދެކޮޅަށް ހުށަހެޅި ޖުމްލަ ހަތަރު ޕެޓިޝަނެއް ބޭރުކޮށްލާފައެވެ. މީގެ ތެރެއިން އަންހެން ކުދިންގެ ސްކޫލަކީ 2016 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ތަޅާލުމުގެ އިންޒާރު ދެމުން އަންނަ ތަނެކެވެ.
މި ނިންމުމާ ގުޅިގެން، މަސާފިރު ޔައްޓާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ މި ގެތަކާއި ސްކޫލް ކޮންމެ ވަގުތެއްގައިވެސް ތަޅާލުމުގެ ފުރުސަތު އިސްރާއީލުގެ ސިފައިންނަށް މިހާރު ވަނީ ލިބިފައެވެ. މިއީ އެ ސަރަހައްދުން ފަލަސްތީނު ރައްޔިތުން ބޭރުކޮށް، އެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެއެވެ.
މަސާފިރު ޔައްޓާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އަދި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އިސްރާއީލުގެ މި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.