ޚަބަރު
ޤާނޫނީ ދާއިރާގެ އިމްތިހާނުތަކަށް ހާޒިރުވާންޖެހޭ ގޮތަށް ގެނައި އިސްލާހު ތަންފީޒު ކުރުން ފަސްކޮށްފި
ބާ ކައުންސިލްގެ އިންތިހާބެއް / ފައިލް ފޮޓޯ: ބާ ކައުންސިލް
ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި، އެ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ފެންވަރު މަތިކުރުމުގެ ގޮތުން އެކުލަވާލާފައިވާ "މިނިމަމް ސްޓެންޑާރޑްސް އޮން އެންޓްރީ ކްރައިޓީރިއާ، ޕްރިސްކްރައިބްޑް ލަރނިން އައުޓްކަމްސް އެންޑް ސްޓޭޓްމަންޓް އޮފް ޕްރިސްކްރައިބްޑް ނޮލެޖް ފޯރ ކޮލިފައިން ލޯ ޑިގްރީސް" އަށް ގެނައި ދެވަނަ ދެވަނަ އިސްލާހު ތަންފީޒުކުރުން ފަސްކުރުމަށް ނިންމާފައިވާކަމަށް ބާ ކައުންސިލުން އިއުލާންކޮށްފިއެވެ.
މި އިސްލާހަށް ޢަމަލުކުރުމަށް ފަށާ ދުވަހަކަށް 1 އޯގަސްޓް 2026 ކުރިން ކަނޑައަޅާފައި އޮތް ނަމަވެސް، ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އިސްލާހަށް ޢަމަލުކުރުން 1 ޖެނުއަރީ 2027އަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމީ ޤާނޫނީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް އިދާރީ އަދި ފަންނީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި، ކުރިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް ގެނެސް، އެ ބަދަލުތަކާ އެއްގޮތަށް އެކްރެޑިޓޭޝަނަށް ހުށަހެޅުމަށާއި އެ ބަދަލުތަކާއެކު އެކްރެޑިޓްކުރުމަށް މުއްދަތެއް ދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ހުށަހަޅާފައިވާތީ ކަމަށެވެ.
އަދި މި ނިންމުމަކީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީއިން ކުއްލި ޖަލްސާއެއް ބޭވުމަށްފަހު 28 ޖުލައި 2026ގައި ނިންމިނިންމުމެއްކަމަށް ވަނީ ހާމަކޮށްފައެވެ.
އާ އުސޫލު ތަންފީޒުކުރަން ފެށުމާއެކު ދެން އިމްތިހާނު ހަދަންޖެހޭނީ އިމްތިހާނު ހަދާ ފަރާތްތަކާއި އިންވިޖިލޭޓަރުން އެއް މާހައުލެއްގައި ތިބެގެންނެވެ. އަދި މި އިމްތިހާނުތައް ކުރިއަށްގެންދަން ވާނީ ކަނޑައެޅިފައިވާ ވަގުތެއްގައި، ބާ ކައުންސިލުގެ އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓިގެން ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
އިމްތިހާނުތަކަށް ގެނައި ބަދަލުގެ އިތުރުން، ޤާނޫނީ ދާއިރާގެ ކޯސްތަކަށް ވަނުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކަށްވެސް ބާ ކައުންސިލުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އިނގިރޭސި ބަހުގެ ފެންވަރު ބެލުމަށްޓަކައި، އައިއެލްޓީއެސް އިމްތިހާނުން 6.0 އިން މަތީގެ ސްކޯއެއް ނުވަތަ ޓޯފުލް އިން 4 އަށްވުރެ މަތީގެ ސްކޯއެއް ހޯދަންޖެހޭނެއެވެ. މީގެ އިތުރުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ޤަބޫލުކުރާ ފައުންޑޭޝަން ޕްރޮގްރާމެއްގެ އިނގިރޭސި މޮޑިއުލްތަކުން 'ސީ' ފާހަށްވުރެ މަތީ ނަތީޖާއެއް ހޯދާފައިވުންވެސް މިހާރު ވަނީ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައެވެ.
ބާ ކައުންސިލުން ހާމަކުރި ގޮތުގައި، މި ބަދަލުތަކަކީ ރާއްޖޭގައި ޤާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން އަމަލުކުރަންޖެހޭ އެންމެ ދަށް މިންގަނޑުތައް ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ބަދަލުތަކުގެ ސަބަބުން ޤާނޫނީ ދާއިރާއަށް ވަންނަ ދަރިވަރުންގެ ފެންވަރު ރަނގަޅުވެ، ރާއްޖޭގެ ޤާނޫނީ ތައުލީމު ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތިގެންދާނެ ކަމަށް އެ ކައުންސިލުން އުންމީދު ކުރެއެވެ.