Ads by Farudhun

ޚަބަރު

އިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމައު ސަމާލުވުމަށް ރައީސް ގޮވާލައްވައިފި

އިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމައު ސަމާލުވުމަށް ރައީސް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 ޖުލައި 2026، 12:25

30 ޖުލައި 2026، 12:25

އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް އަދި އިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމައު ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ  ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިގޮތަށް ގޮވާލެއްވީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. 

މި މެސެޖުގައި ރައީސް ވަނީ، ގައުމުގެ އިގްތިސާދާއި  ކުރިއެރުމާއި، ޑިޖިޓަލް އަދި ފަންނިއްޔާތުގެ ކުރިއެރުންތަކާއި، ބައިނަލްއަގްވާމީ ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، އިންސާނުންނަށް ލިބޭ އަނިޔާތަކާއި ތަކުލީފުތަކުން ނަފާ ހޯދުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދިނުމަށް ގޮވާލައްވާފައެވެ. އަދި މި ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ޓަކައި ޖަމިއްޔާތަކާއި،  ވަޒީފާދޭ ފަރާތްތަކާއި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އިތުރުން އާއްމު ރައްޔިތުން ވެސް  ސަމާލުވެ ތިބުމަށް ރައީސް ގޮވާލެއްވިއެވެ.

ހަމަ އެއާއިއެކު، ބައިނަލްއަގްވާމީ މުޖުތަމައުން އިންސާނީ ކަރާމާތާއި، މިނިވަންކަމާއި، އަސާސީ  ހައްގުތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

އިންސާނީ ވަގުފާރީގެ އޮއިވަރު ބަދަލުވަމުންދާ ގޮތަށާއި، ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މިންވަރުގެ މައްޗަށް މި އަހަރުގެ ޝިޔާރު ކަމުގައިވާ، "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އިން ބާރުއަޅާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ،  މިއީ މުޅި ސަރަހައްދަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި އޭގެ ސަބަބުން އެތައް ބަޔަކު ސްކޭމް ތަކައި ބެދި،  މަޖުބޫރުން ކުށްތަކަށް އަރައިގަންނަންޖެހޭ ހާލަތަށް ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ، އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މައްޗަށް ކަމަށްވާއިރު، ރާއްޖޭގެ ސަރަހައްދީ އިމުގެ ތެރޭގައި އުޅޭ ކޮންމެ މީހެއްގެ އިންސާނީ  ހައްގާއި ކަރާމަތް  ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމަށް ޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން،  މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ފުރަތަމަ ގައުމީ އެކްޝަން ޕްލޭން އެކުލަވާލައްވާފައިވާކަމާއި،  ރާއްޖޭގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ބޮޑެތި އިސްލާހުތައް ގެންނަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ،  ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވައިލައްވާ،  އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރުގެ އިތުރުން މައިގްރެންޓް ކަނެކްޓް ޕޯޓަލް ޤާއިމުކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ އިސްލާހުތަކުގެ ބޭނުމަކީ، ނާޒުކު ޙާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލުން ކަމަށާއި، އޭގެ ސަބަބުން އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެހީތެރިކަން ލިބޭނެ މަގު ފަހިވެގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ. 

މިފަދަ  ކުރިއެރުންތަކެއް ލިބިފައިވާ ނަމަވެސް، އަދިވެސް ގޮންޖެހުންތައް ހުރިކަން ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ގޮންޖެހުންތައް ހައްލުކުރެވޭނީ، އެކި ދާއިރާތަކާއި ބޯޑަރުތައް ހުރަސްކޮށް ކުރެވޭ އެކުވެރި މަސައްކަތްތަކުގެ ޒަރީޔާއިން ކަމަށް ވެސް ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސްވަނީ، އިންސާނީ ކަރާމާތައް އުނިކަމެއް އައިސްގެން ނުވާނެކަން ފާހަގަކުރައްވާ، ކޮންމެ މީހަކަށް ވެސް އިހްތިރާމާއި ގަދަރާއެކު މުއާމަލާތުކުރެވޭނެ  ފަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް  އަޒުމުއާކޮށް އެކަމަށް ގޮވާލާފައެވެ.

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 30 ވަނަ ދުވަސް އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރެވިގެންދާއިރު، މިއީ އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން ފާހަގަކުރެވޭ މުހިންމު ދުވަހެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450