ޚަބަރު
ށ. ނަރުދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ހިލަ ސައިޓަށް ގެންގޮސްފި
ނަރުދޫއަށް ގެންދިޔަ ހިލަތައް ބާލަނީ / ފޮޓޯ: އެމްޓީސީސީ
ށ. ނަރުދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ހެދުމަށް ބޭނުންވާ ހިލަ މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، މިހާރު ކުރިއަށްދަނީ ބާޖުން ހިލަ ބޭލުމުގެ މަސައްކަތެވެ. އަދި މި މަޝްރޫޢުގެ ޖުމްލަ 62 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:
55,332 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ފަޅު ފުންކުރުން.
399 މީޓަރުގެ ބޭރު ތޮށިލުން.
205 މީޓަރުގެ ރިވެޓްމަންޓް ޖެހުން.
210 މީޓަރުގެ އެއްގަމު ތޮށިލުން.
955 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން.
ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުން.
މި މަޝްރޫޢު ނިމުމުން، ނަރުދޫގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބާރުއަޅަމުންނެވެ.