ވިޔަފާރި / ޚަބަރު
މިހާރު އިންޑިއާއަށް ފައިސާ ފޮނުވަން ޑޮލަރު ބޭނުމެއް ނުވާނެ
ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލުމަށް ބޭއްވި ރަްސމިއްޔާތު ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ރަސްމީކޮށް އިފްތިތާޚްކޮށްފިއެވެ.
މަރުކަޒީ ބޭންކުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޚިދުމަތް ރާއްޖޭގައި އަލަށް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ގުޅިގެންނެވެ. މިއާއެކު، އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، އެ ބޭންކެއްގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ.
މި ނިޒާމުގެ ދަށުން ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ފޮނުވުމުން، ފައިސާ ލިބޭ ފަރާތުގެ އިންޑިއާ ބޭންކު އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް (އައިއެންއާރް) އިންނެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި މިއީ ރާއްޖޭގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުން ފަދަ ފަސޭހަ އަދި ރައްކާތެރި މުޢާމަލާތެކެވެ.
މި ޚިދުމަތަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަޤްވާމީ ގޮފި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފެށި މަސައްކަތެކެވެ. އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި، އެންއައިޕީއެލް އާއެކު ހެދުނު އެއްބަސްވުމުގެ ދަށުން މިފަދަ ޚިދުމަތެއް މިހާ އަވަހަށް ފެށިގެންދިޔަ ފުރަތަމަ ޤައުމަކީ ދިވެހިރާއްޖެއެވެ.
މިއީ ރާއްޖޭގެ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗަރއެއް ބައިނަލްއަޤްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. ދުނިޔޭގައި އެންމެ ބޮޑު އެއް ޑިޖިޓަލް ޕޭމަންޓް ނިޒާމު ކަމަށްވާ ޔޫޕީއައި އާ މިހާތަނަށް ގުޅާލާފައިވަނީ ރާއްޖޭގެ އިތުރުން ސިންގަޕޫރާއި ނޭޕާލު އެކަންޏެވެ.
ޚިދުމަތް ބޭނުންކުރެވޭނެ އުޞޫލު
މި ޚިދުމަތް ތަޢާރަފުކުރަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ (ޕީ2ޕީ) މުޢާމަލާތްތަކެވެ. މިވަގުތު މި ޚިދުމަތް ބޭނުންކުރެވެނީ ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމުގެ ޓެސްޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށޭނެއެވެ.
ބޭރު ފައިސާގެ ގަވާއިދާ އެއްގޮތަށް، މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނީ ތަޢުލީމީ ޚަރަދުތަކާއި، ބޭސްފަރުވާގެ ޚަރަދު އަދި އާއިލީ ޚަރަދުތައް ފަދަ ހުއްދަކުރެވިފައިވާ ކަންކަމަށެވެ. ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ.
ފައިސާ ފޮނުވުމުގެ ކުރިން، ފައިސާ ލިބޭ ފަރާތުގެ އެކައުންޓްގެ ސައްހަކަން ޔޫޕީއައި މެދުވެރިކޮށް ކަށަވަރުކުރެވޭނެއެވެ. އަދި ބޭނުންވާ އެކްސްޗޭންޖް ރޭޓާއި ބޭންކު ފީތައް ކަސްޓަމަރަށް ފެންނަން ހުންނާނެއެވެ. އެމްއެމްއޭއިން ދެކޭގޮތުގައި މިއީ ރާއްޖޭގެ ޕޭމަންޓް ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.