ދުނިޔެ

ޖަޕާނަށް އައި ބިންހެލުމުގައި ޝޮޕިންގ މޯލްއެއް ގޮވައިފި

ޖަޕާނަށް އައި ބިންހެލުމުގައި ޝޮޕިންގ މޯލްއެއް ގޮވައިފި

"އިއޯން މޯލް"

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2026، 06:09

30 ޖުލައި 2026، 06:09

ޖަޕާނުގެ ކިއުޝޫ ރަށަށް އަންގާރަ ދުވަހު އައި ރިކްޓަރ މިންގަނޑުން 6.8 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ސަރަހައްދުގެ މަޝްހޫރު "އިއޯން މޯލް" ގޮވައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާގައި މިހާތަނަށް މަދުވެގެން 13 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

މި ބިންހެލުން އައީ އަންގާރަ ދުވަހުގެ މެންދުރުފަހު 16:27 (ލޯކަލް ގަޑިން) ހާއިރު ކިއުޝޫގެ ކުމަމޯޓޯ ޕްރިފެކްޗަރ އަށެވެ. ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން (ޖޭ.އެމް.އޭ) މި ބިންހެލުމުގެ ބާރުމިން ފުރަތަމަ 7.1 ގައި ހުރިކަމަށް ރިޕޯޓުކުރި ނަމަވެސް، ފަހުން އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ އެއީ 6.8 ގެ ބިންހެލުމެއް ކަމަށް ކަނޑައަޅާފައެވެ.

އިއޯން މޯލްގައި ހިނގި ހާދިސާގައި ތިން މީހަކު މަރުވެފައިވާއިރު، އެ ތަނުގައި މަސައްކަތްކުރާ ތިން މުވައްޒަފަކު އަދިވެސް ވަނީ ގެއްލިފައެވެ. މޯލްގެ ރައީސް އަކިއޯ ޔޯޝިދާ ވިދާޅުވި ގޮތުގައި، ބިންހެލުމަށްފަހު ކަސްޓަމަރުންނާއި މުވައްޒަފުން އިމާރާތުން ނެރުނު ފަހުން ބާރުގަދަ ގޮވުމެއް ގޮވައި، އިމާރާތުގެ ދެވަނަ ބުރި ވަނީ ވެއްޓިފައެވެ. މި ހާދިސާއާ ގުޅިގެން ޔޯޝިދާ ވަނީ އާންމުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ކުމަމޯޓޯގައި ހުންނަ "ނިޕޯން ޕޭޕަރ" ފެކްޓްރީގެ ދުންހޮޅިއެއް ވެއްޓި، އެތަނުން ދެ މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެ ފެކްޓްރީގެ 9 މީހަކު ގެއްލިގެން ހޯދަމުންދާއިރު، ސަރަހައްދުގެ ތާރީޚީ ކުމަމޯޓޯ ކާސަލްގެ ބައެއް ފާރުތަކާއި، ފައިމަގުގައި ހިނގާ ބުރިޖެއް ވެސް ވަނީ ވެއްޓިފައެވެ.

މި ބިންހެލުމާ ގުޅިގެން 36,700 އަށްވުރެ ގިނަ ގޭބިސީން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، ރޭލު ދަތުރުފަތުރުތައް ވެސް ވަނީ މެދުކަނޑާލާފައެވެ. ކިއުޝޫ ޝިންކަންސެން (ބުލެޓް ޓްރެއިން) އެއްގައި ތިބި 7 މީހަކަށް އަނިޔާވެފައިވާ ކަމަށާއި، ރޭލު ދަގަނޑުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ގިނަ ބަޔަކު ރޭގަނޑު ހޭދަކުރަން ޖެހުނީ ރޭލުތަކުގެ ތެރޭގައި ކަމަށް ޚަބަރުތައް ބުނެއެވެ.

ބުދަ ދުވަހު އެކަނިވެސް އެ ސަރަހައްދަށް 100 އަށްވުރެ ގިނަ ލޮޅުން (އާފްޓަރޝޮކް) އައިސްފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ލޮޅުންތައް އަތުވެދާނެތީ ސަމާލުވުމަށް ޖޭ.އެމް.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. މިހާރުވެސް އެތައް ލައްކަ ބަޔަކަށް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450