ދުނިޔެ
މިޞްރުގަ އޮތް ދެ އުޅަނދަކަށް ހަމަލާދީ ރޯކޮށްލައިފި
ރޯވި އުޅަނދު ފެން ޖަހައިގެން ނިއްވާލަނީ ފޮޓޯ: ގޫގުލް
މިޞްރުގެ މެޑިޓަރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ، އެގައުމުގެ މުހިންމު އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) ހަބެއް ކަމަށްވާ ދަމިއެޓާ ބަނދަރުގައި އޮތް ދެ އުޅަނދަކަށް ދިން ޑްރޯން ހަމަލާއެއްގައި އަލިފާން ރޯވެފައިވާކަން އެގައުމުގެ ކެބިނެޓުން ކަށަވަރުކޮށްދީފިއެވެ.
މި ހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް އެއްވެސް ފަރާތަކުން މި ހަމަލާގެ ޒިންމާ އުފުލާފައިނުވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، މިޞްރުގެ މަސްލަހަތާއި ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި، މި ޑްރޯން ހަމަލާ އަމާޒުވެފައިވަނީ އެމެރިކާގެ ކުންފުންޏަކަށް ނިސްބަތްވާ "އެނާގޯސް ވިންޓަރ" ނަމަކަށް ކިޔާ އުޅަނދަކަށެވެ. މި ހަމަލާއާ އެކު ރޯވި އަލިފާންގަނޑު ކައިރީގައި އޮތް ގްރީސްގެ "ގޭސްލޮގް ސަލީމް" ނަމަކަށް ކިޔާ ޓޭންކަރަށްވެސް ވަނީ ފެތުރިފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބަނދަރުމަތިން ކަޅު ދުންތައް އަރަމުންދާއިރު، ކަނޑުމަތީގެ އެހީތެރި އުޅަނދުތަކުން ދަނީ އެ ސަރަހައްދަށް ފެން ޖަހަމުންނެވެ.
މިޞްރުގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ އިރު، ބަނދަރުގެ މަސައްކަތްތައް ބުރާސްފަތި ދުވަހުވެސް މެދުކެނޑުމެއް ނެތް ގޮތުގައި ކުރިއަށްދާ ކަމަށް އެފަރާތުން ބުނެއެވެ. އުޅަނދުތައް ޓްރެކްކުރާ ޑޭޓާތަކުން ދައްކާ ގޮތުގައި، މި ހާދިސާއަށްފަހު އެ ދެ އުޅަނދުވެސް ވަނީ ބަނދަރުން ނުކުމެ ކަނޑުގެ ސަރަހައްދަށް ޖައްސާފައެވެ.
މި ހަމަލާ ދިނީ ކޮން ސަރަހައްދަކުން ކަމެއް އަދި އެކަމުގެ ފަހަތުގައިވަނީ ކޮން ބައެއްކަން ސާފުނުވި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިކަމުގެ އިނގިލި އީރާނަށް ނުވަތަ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކަށް ދިއްކުރައްވާފައެވެ. "މިއީ ހަމަ ކުރިންވެސް ފެންނަމުންދާ ކަންތައްތަކުގެ ތެރެއިން ކަމެއް. ނަމަވެސް މިކަންކަން ވަރަށް އަވަހަށް ރަނގަޅު ކުރެވޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.
ދަމިއެޓާ ބަނދަރަށް މި ހަމަލާ ދީފައިވަނީ ސައޫދީ އަރަބިއްޔާގެ ތެޔޮ ވަސީލަތްތަކަށް އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އެމެރިކާ އާއި ސައޫދީ ގުޅިގެން އިރާގުގައި ތިބި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިންނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މީގެ އިތުރުން، އުރުދުންގައި ތިބި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދޭން އުޅުނު މިސައިލް ހަމަލާއަކާ ގުޅިގެން، ބުދަ ދުވަހުގެ ރޭ އެމެރިކާއިން ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.