ޚަބަރު
މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓުތަކަށް ނުޖެއްސި ޑިލޭތަކެއް
ފޮޓޯ: ބިޒްނަސް ޓްރެވަލަރ
މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ބޯޓުތައް ޖެއްސުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ބައިނަލްއަޤުވާމީ ގިނަ ފްލައިޓްތަކެއް މިއަދު ޑިލޭވެއްޖެއެވެ.
މިދިޔަ ދެ ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ވައިގެ ސަރަހައްދަށް ވަތް ގިނަ ބޯޓުތަކަކަށް މޫސުމީ ހާލަތު ހުރިގޮތުން ރަންވޭއަށް ނުޖެއްސިގެން، ގިނަ ވަގުތުތަކެއް ވަންދެން ވައިގެ ތެރޭގައި މަޑުކުރަން ޖެހުނެވެ. އޭގެ ތެރޭގައި އެއިރޯފްލޮޓް، ގަތަރު އެއަރވޭސް، ސްރީލަންކަން އެއަރލައިންސް، އިންޑިގޯ އަދި ފިޓްސްއެއަރގެ ބޯޓުތައް ހިމެނެއެވެ. މީގެ އިތުރުން، ސްރީލަންކާއިން ރާއްޖެއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން ވަނީ އަނބުރާ ކޮލަމްބޯއަށް ޑައިވާޓްކޮށްފައެވެ.
ފްލައިޓްތައް ޖެއްސުމަށް ހުރަސް އެޅެމުންދަނީ ވައި ވަރަށް ބޮޑަށް ގަދަވުމުގެ އިތުރުން، ހުޅުލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުންނެވެ. ވެލާނާ އެއަރޕޯޓުގެ ފްލައިޓް ޝެޑިއުލް ދައްކާ ގޮތުން، މިހާތަނަށް ބައިނަލްއަޤުވާމީ 7 ފްލައިޓެއް ވަނީ ޝެޑިއުލްއަށް ވުރެ ލަސްވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައެވެ. މެޓް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން އެންމެ ގޯސްވާނެ ކަމަށް ބެލެވެނީ މިއަދެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރަށް މިފަދަ ބުރޫތަކެއް އަރަމުންދާއިރު، ކަނޑުދަތުރު ކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.