Ads by Farudhun

ޚަބަރު

މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މާލޭގެ މަގުތަކުން ފެން ހިންދުމަށް ސިފައިން ހަރަކާތްތެރި ވަނީ / ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

31 ޖުލައި 2026، 11:58

31 ޖުލައި 2026، 11:58

މާލެއަށް މިއަދު ކުރަމުންދާ ބޯ  ވިއްސާރައިގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވަމުންދާތީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަށައިފިއެވެ.

މާލޭގެ މަގުތަކުން ފެން ހިންދުމަށްޓަކައި ސިފައިން މިހާރު ދަނީ މާލޭގެ ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންނެވެ. އެއީ މާފަންނު ވެސްޓް ޕާކް ސަރަހައްދާއި، ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ އިތުރުން ސްވިމިންގ ޓްރެކް ސަރަހައްދެވެ. މި ސަރަހައްދުތަކަކީ އާންމުކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އެއްވެސް އުޅަނދެއް ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް ވަނީ އަންގާފައެވެ. ޚާއްޞަކޮށް މުދާ އުފުލާ އުޅަނދުފަހަރުން، ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރަށް މުދާ ބަރުނުކުރުމަށާއި، އުޅަނދުގައި ހުންނަ މުދާތައް ރަނގަޅަށް ބަނދެ ރައްކާތެރިކުރުމަށް ކޯސްޓްގާޑުން ވަނީ އިރުޝާދު ދީފައެވެ.

މޫސުން ގޯސްވުމުގެ އަސަރު ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ކޮށްފައެވެ. ވިލާގަނޑުގައި ވައިގަދަވެ ވާރޭ ބޯވުމުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ބޯޓުތައް ޖެއްސުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. މީގެ ސަބަބުން ބައިނަލްއަޤުވާމީ ގިނަ ފްލައިޓްތަކެއް މިއަދު ވަނީ ޑިލޭވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450