Ads by Farudhun

ޚަބަރު

ކޮންމެ މީހަކީ މަރުގެ ރަހަ ދެކޭނެ މީހެއްކަން ހަނދުމަކޮށް ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލޭ: ޚުޠުބާ

ކޮންމެ މީހަކީ މަރުގެ ރަހަ ދެކޭނެ މީހެއްކަން ހަނދުމަކޮށް ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލޭ: ޚުޠުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ އިއްވަނީ / ފައިލް ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޖުލައި 2026، 01:21

31 ޖުލައި 2026، 01:21

ކޮންމެ އިންސާނަކީވެސް މަރުގެ ރަހަ ދެކޭނޭ މީހެއްކަން ހަނދުމަކޮށް، ދުނިޔޭގެ ވަގުތީ އުފާލާއި ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަޞޭޙަތްތެރިވެއްޖެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ގިޔާމަތް ދުވަހުގެ ބިރުވެރިކަމާއި، އެދުވަހުން އިންސާނާގެ ޢަމަލުތަކަށް ހިސާބުބެއްލެވޭނޭ ގޮތުގެ މައްޗަށެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ނިމުން އަންނަ ދުވަހަކީ އިންތިހާއަށް ބިރުވެރި ދުވަހެކެވެ. އެ ދުވަހުގެ ނާމާންކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، އެދުވަހުގެ ބިރުވެރިކަމުން ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާ ފަދައިން ތިބާ ދެކޭނެ ކަމަށެވެ. ނަމަވެސް އެއީ މަސްތުވެފައި ތިބޭ ތިބުމެއް ނޫން ކަމަށާއި، އެއީ ﷲގެ އަޒާބު ގަދަފަދަކަމުން ވާގޮތެއް ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.

އާންމު ދިރިއުޅުމުގައި ބިރުވެރިކަމެއް ކުރިމަތިވާ ހިނދު ކޮންމެ މީހަކުވެސް އެހީއަށް އެދޭނީ އެންމެ ގާތް މީހާގެ ކިބައިން ނަމަވެސް، މަޙުޝަރު ބިމުގައި އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށްނުދޭނެކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި އެންމެ ގާތްމީހުންވެސް އެކަކު އަނެކަކަށް ފިލަން މަސައްކަތް ކުރާނެއެވެ.

"(އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތިކުރާނެކަމެއް އެ ދުވަހުން ވެއެވެ."  

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

މީގެ އިތުރުން، އެ ދުވަހުން މީސްތަކުންގެ މޫނުމަތިން ފެންނާނެ ތަފާތުތަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، އީމާންވެ ހެޔޮ ޢަމަލުކުރި މީހުންގެ މޫނުތައް ހުންނާނީ އަލިވެ، އުފާވެފައި ކަމަށެވެ. ނަމަވެސް ކާފިރު ފާޖިރުންގެ މޫނުތަކުގައި ހުންނާނީ ހިރަފުސް ބުރލާފައި ކަމަށާއި، އެ މޫނުތަކަށް ކަޅު އަނދިރިކަން ވެރިވެފައިވާނެ ކަމަށެވެ.

"އެ ދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއް ވާނެއެވެ. އަދި އެ ދުވަހުން އެ މޫނުތަކެއްގެ މައްޗަށް، ހިރަފުސްއަރާފައިވާ މޫނުތަކެއް ވެސް ވާނެއެވެ. އެ މޫނުތަކަށް ކަޅު އަނދިރިކަމެއް ވެރިވާނެތެވެ. އެއުރެންނީ ހަމަ، ނުލަފާވެގެންވާ ކާފިރުންނެވެ."  

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

ޤިޔާމަތް ދުވަހުގެ ހިސާބު ބެއްލެވުމާ ގުޅޭގޮތުން ޚުޠުބާގައި ބުނީ، އެ ދުވަހުން އިންސާނާގެ އަނގަ ބަންދުކުރެވޭނެ ކަމަށެވެ. އަދި އޭނާ ކުޅަ ޢަމަލުތަކުގެ މައްޗަށް އޭނާގެ އަތްތަކާއި ފައިތައް ހެކިދޭނެ ކަމަށެވެ. 

"މި އަދު ތިމަން ރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަން ރަސްކަލާނގެއަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު ޢަމަލުތަކާ މެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ."

ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަން ހަނދުމަކޮށް، ޝައިޠާނާގެ ކެހިވެރިކަމުން ސަލާމަތްވެ، ހެޔޮ ޢަމަލުކުރުމުގައި ހީވާގިވުމަށް އިލްތިމާސްކޮށްފައެވެ. އަދި އަސްލު ނަޞީބުވެރިއަކީ ނަރަކައިން މިންޖުވެ ސުވަރުގެ ލިބުނު މީހާ ކަމުގައިވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450