ޚަބަރު
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ
މޫސުން ގޯސް ދުވަހެއްގެ ފޮޓޯއެއް / ފޮޓޯ: އެމްވީޕްލަސް
ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:48 ހާއިރުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އުޅަނދު އަޑިއަށް ދާން ދިމާވީ މޫސުން ގޯސްވުމުގެ ސަބަބުން ދިޔަވެގެންނެވެ.
ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން 8 މީހަކު ކަނޑުމަތިން ސަލާމަތްކުރެވިފައިވާއިރު، ބާކީ ތިބި 2 މީހުން ހޯދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާއިރު، ވައިގަދަވުމުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ބޯޓުތައް ޖެއްސުމުގައިވެސް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. މިގޮތުން ބައިނަލްއަޤުވާމީ ގިނަ ފްލައިޓްތަކެއް މިއަދު ވަނީ ޑިލޭވެފައެވެ.
މޫސުން ގޯސްވުމާ ގުޅިގެން ކޯސްޓްގާޑުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް އުޅަނދެއް ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުފެށުމަށާއި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ކޯސްޓްގާޑުން ވަނީ އަންގާފައެވެ.