ޚަބަރު
މިދިޔަ ހަފުތާގައި ސްކޭމްގެ 33 މައްސަލަ ފުލުހުންނަށް ހުށައަޅައިފި
މިފަދަ ކުށްތައް ރާއްޖޭގައިވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން
މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ 33 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
ފުލުހުން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ސައިބާ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތައް ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ އަމަލުތަކެއްކަންވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ހުށައެޅުނު މައްސަލަތަކުގައި ޖުމްލަ 184,235.00 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވެއެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން މީގެ ތެރެއިން 72,073.00 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދީފައެވެ. މި ސްކޭމްތައް ހިންގުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓްޕްލޭސްއެވެ.
ސްކޭމްތަކުގެ ބާވަތްތަކާއި ތަފްސީލް
މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން:
އީ-ކޮމާސް: 16 މައްސަލަ
ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް: 7 މައްސަލަ
ފައިސާ މާރުކުރުން: 4 މައްސަލަ
އެހެންމީހަކަށް ވެގެން އޮޅުވާލުން: 1 މައްސަލަ
އެހެނިހެން: 5 މައްސަލަ
މިފަހަކަށް އައިސް 'ބުކިންގ ކެންސަލް ރިފަންޑް' ސްކޭމްތައް އިތުރުވަމުންދާތީ އެންޓިސްކޭމް ސެންޓަރުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މިފަދަ ސްކޭމްތަކުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ބުކިންގ ހެދުމަށްފަހު، ފޭކު ސްލިޕް ފޮނުވައި، ކުއްލި ކަމެއް ދިމާވެގެން ބުކިންގ ކެންސަލްކުރަން ބުނެ އަވަހަށް ފައިސާ އަނބުރާ ހޯދުމަށް އެދެއެވެ.
ފުލުހުން އިރުޝާދު ދެއްވަނީ "ފައިސާ ފޮނުވިކަމުގެ ސްލިޕަށް އެކަނި އިތުބާރު ނުކުރައްވައި، ރިފަންޑް ދިނުމުގެ ކުރިން އެކައުންޓަށް ފައިސާ ވަދެފައިވާކަން ބޭންކިންގ އެޕް މެދުވެރިކޮށް ޔަގީންކުރުމަށެވެ."
ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމަރުން މިހާރު އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން 'ޑީޕް ފޭކް' ކޮންޓެންޓްތައް އުފައްދަމުންދާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ފިތާނުލުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް 125 އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.