ޚަބަރު
ގަދަ ވިއްސާރައާ ގުޅިގެން އެހީތެރިކަމެއް ބޭނުންވާނަމަ 1516 އަށް ގުޅުމަށް އެޗްޑީސީން އެދިއްޖެ
ގަދަ ވިއްސާރައިގެ ސަބަބުން ހުޅުމާލޭގެ ގަހަކުން ބައެއް ވެއްޓިފައި / ފޮޓޯ: އެޗްޑީސީ
ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް އެހީތެރިކަމެއް ނުވަތަ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކޯލް ސެންޓަރު ނަންބަރު 1516 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އެދިފައެވެ. އަދި މިފަދަ ދަތި ހާލަތްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ، އަޅާލުމުގައި ދެމިތިބުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބާރުއަޅާފައެވެ.
މީގެ އިތުރުން، ވިއްސާރައިގެ ސަބަބުން ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހުރި ތަކެތި ވަޔާ ނުދާނެ ފަދަ ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، މަގުމައްޗަށް ނިކުމެ އުޅޭއިރު އާންމުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޑީސީން މިއަދު ނެރުނު އިލްތިމާސެއްގައި ބުނެފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓަރަފްގެ ސަބަބުން، ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދެއްގެ ބޯވިއްސާރަވިލާ ދަނީ އުފެދެމުންނެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކަނޑުގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިހާރު ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މިކަމާ ގުޅިގެން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން، ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.