ދުނިޔެ
އީރާނުން ހަނގުރާމަ ކާމިޔާބުކޮށްފި، ނަމަވެސް ދާއިމީ ހަމަޖެހުން ގާއިމުކުރަންޖެހޭ: ގާލީބާފް
އީރާނުގެ މަޖިލީހުގެ ރައީސް އަދި އިސް މުސައްލަހު މުހައްމަދު ބާގިރު ގާލީބާފް - ފޮޓޯ: ަލޖަޒީރާ
އީރާނުން ކުރަމުންދިޔަ ހަނގުރާމަ ކާމިޔާބުކޮށްފި ކަމަށާއި، ނަމަވެސް މި ކާމިޔާބީ ދާއިމީ ގޮތެއްގައި ދަމަހައްޓައި ގައުމުގެ ހަމަޖެހުން ވަރުގަދަކުރަން ޖެހޭ ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް އަދި އިސް މުސައްލަހު މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެއެވެ.
އީރާނުގެ ޕާލަމަންޓް ކޯޑިނޭޝަން ކައުންސިލްގައި ވާހަކަދައްކަވަމުން ގާލީބާފް ވިދާޅުވީ، އީރާނުން ވަނީ ހަނގުރާމައިގެ މައިދާނުގައި ނަތީޖާ ހާސިލްކޮށްފައި ކަމަށެވެ. ނަމަވެސް، މި ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް ގައުމުގެ ކުރިމަގު އުޖާލާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގައުމުގެ ރައްޔިތުންނަށް އުޖާލާ ކުރިމަގަކަށް އޮތް އުންމީދު ދަމަހައްޓަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ގާލީބާފް ވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ ނުވަތަ ސުޕްރީމް ލީޑަރު ގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ވަރުގަދަ އީރާނެއް ބިނާކުރުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތެއް ފަށަންޖެހޭނީ ސުޕްރީމް ލީޑަރުގެ ބާރުތަކާއި ގައުމީ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުކޮށްގެންނެވެ.
ގާލީބާފް އިތުރަށް ވިދާޅުވީ، ހަނގުރާމައަށްފަހު ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމަކީ މިވަގުތު އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމަށެވެ. އަދި އީރާނުގެ ސަރުކާރުގެ އިސްވެރިން މި އަމާޒަށް ވާސިލްވުމަށްޓަކައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ.