ދުނިޔެ

ޣައްޒާގެ ބޭސް ގުދަންތަކަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފި

ޣައްޒާގެ ބޭސް ގުދަންތަކަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފި

ޣައްޒާގެ ބޭސް ގުދަންތަކަށް ހަމަލާ ދިނުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2026، 05:35

01 އޯގަސްޓު 2026، 05:35

 ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް-އަޤްޞާ މާރޓީއަރސް ހޮސްޕިޓަލުގެ ބޭސް ގުދަންތަކަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން މިއަދު ފަތިހު ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، އެ ތަނުގައި ހުރި ގިނަ އަދަދެއްގެ ބޭހާއި މެޑިކަލް ސާމާނުތައް ނެތިގޮސްފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަމުރު ނެރުނުތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި ދިން މި ހަމަލާގައި، ހޮސްޕިޓަލުގެ ހަތަރު ބޭސް ގުދަނުގެ ތެރެއިން ދެ ގުދަން އެއްކޮށް ވަނީ ސުންނާފަތިވެފައެވެ. އަދި ބާކީ ހުރި ދެ ގުދަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި ހަމަލާއާ ގުޅިގެން ހޮސްޕިޓަލުގެ ތަރުޖަމާނު ޚަލީލް އަލް-ދަޤްރާން ވިދާޅުވީ، ހަލާކުވި ސާމާނުތަކުގެ ތެރޭގައި އައިވީ ފްލުއިޑްސްއާއި، ކިޑްނީ ޑަޔަލިސިސްއަށް ބޭނުންވާ ސާމާނުތަކާއި، އައިސީޔޫގައި ބޭނުންކުރާ މުހިންމު ބޭސްތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން، މި ހަމަލާގެ ސަބަބުން ހޮސްޕިޓަލުގެ އައުޓްޕޭޝަންޓް ކްލިނިކަށް ގެއްލުން ލިބި، ކައިރީގައި ހުރި އެތައް ޓެންޓެއްގައި އަލިފާން ރޯވެ، ބަލިމީހުންނާއި ރެފިއުޖީންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން މި އަމަލު ސިފަކޮށްފައިވަނީ "ނުލަފާ ޖަރީމާއެއް"ގެ ގޮތުގައެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢާއި އދ. ގެ އިދާރާތަކުން މިފަދަ ހަމަލާތައް ހުއްޓުވައި، ސިއްޙީ މަރުކަޒުތަކާއި މުވައްޒަފުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

އަލް-އަޤްޞާ ހޮސްޕިޓަލަކީ ޣައްޒާގެ މެދުތެރޭގައި ދިރިއުޅޭ މީހުންނާއި ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކަށް އޮތް ހަމައެކަނި އުންމީދެވެ. ނުސައިރާތު ރެފިއުޖީ ކޭމްޕުގައި ކުޑަ ހޮސްޕިޓަލެއް ހުރި ނަމަވެސް، ގިނަ އަދަދެއްގެ ބަލިމީހުންނަށް ފަރުވާ ދިނުމުގެ ގާބިލްކަން ހުރި ހަމައެކަނި ތަނަކީ އަލް-އަޤްޞާ ހޮސްޕިޓަލެވެ. މިއަދުގެ މި ހަމަލާގެ ސަބަބުން އެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކަށް ބޮޑު ހުރަހެއް އެޅި، އެތައް ބައެއްގެ ފުރާނަ މިވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450