Ads by Exprox

ޚަބަރު

މާދަރީ ބަހަކީ އަމިއްލަ ޤައުމީ ސަޤާފަތެއް އުފައްދައިދޭ ވާސިތާ: ރައީސް މުޢިއްޒު

މާދަރީ ބަހަކީ އަމިއްލަ ޤައުމީ ސަޤާފަތެއް އުފައްދައިދޭ ވާސިތާ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2024، 06:56

04 ސެޕްޓެމްބަރު 2024، 06:56

މާދަރީ ބަހަކީ އަމިއްލަ ޤައުމީ ސަޤާފަތެއް އުފައްދައިދޭ ވާސިތާ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޤައުމެއްގެ ޤައުމިއްޔަތުގައި، އެ ބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ، އެ ބައެއްގެ މާދަރީ ބަސް ކަމަށެވެ.

މާދަރީ ބަހަކީ އަމިއްލަ ޤައުމީ ސަޤާފަތެއް އުފައްދައިދޭ ވާސިތާ. ސަބަބަކީ ސަޤާފަތެއް އުފަންކުރުވަނީ ބަހުން ކަމަށްވާތީ. ދެ މީހެއްގެ ދެމެދުގައި ދެކެވޭ ވާހަކައިން ކަމެއް ކުރަން އެއްބަސްވެ، އެކަމެއް ކުރުމުން އެވަނީ ސަޤާފަތަކަށް. ނުވަތަ ސަޤާފަތެއްގެ ފެށުމަކަށް. ޤައުމެއްގެ ނިސްބަތުގައި ސަޤާފަތަކީ އެ ބައެއްގެ ޖަމާޢީ ޤަބޫލުކުރުމާއެކު ހިނގާ ކަންކަން - ރައީސް މުޢިއްޒު ވިދާޅުވިއެވެ.

 ޤައުމަކުން ކުރާ ކަންކަމަށް ނުވަތަ ސަޤާފަތަށް އަބަދުވެސް އެންމެ ވަރުގަދަ ނުފޫޒެއް ފޯރުވަނީ، އެ ބައެއްގެ ދީން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ބައެއްގެ އިޢުތިޤާދު ކަމަށާއި، ދީން އަބަދުވެސް މަސައްކަތް ކުރާނީ، އެ ބައެއްގެ ސަޤާފަތް އިޞްލާޙު ކުރަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 މިކަން ހިނގާނީ ބަހުގެ ދައުރާއެކު ކަމަށާއި، ހަމަ އެހެންމެ، ހުއްޓުމެއް ނެތް ޤައުމީ ޙަޔާތުގެ މި ބުރު އެނބުރެމުން ދާއިރު ހިނގާ ކަންކަމަކީ، އެ ބައެއްގެ ތާރީޚު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 ދިވެހި ޤައުމިއްޔަތުގެ ކޮންމެ ބަހާއެއްގެ ވެސް ޚާއްޞަ ދައުރެއް ވާކަން. އަދި އޭގެ ތެރެއިން ވެސް ބަހަކީ، އެ ބައެއްގެ އަމިއްލަވަންތަ ކަމުގެ ހަމައެކަނި ރަމްޒުކަން.

އަޅުގަނޑުމެން ހަނދާން ބަހައްޓަންވީ ކަމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަލަށް ދަސްކުރާ ބޭރު ބަހާއި، އަމިއްލަ މާދަރީ ބަހުގައި މުޅިން ތަފާތު ދެ ދައުރެއް އޮންނަކަން. މާދަރީ ބަހަކީ ތިމާއަށް ތިމާކަން ކަނޑައަޅާ ބަސް. ދިވެއްސަކު އެއީ، ދިވެއްސެއްކަން ކަނޑައަޅަނީ، އޭނާގެ މާދަރީ ބަސް - ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

އަމިއްލަ ބަހެއް ލިބިގެންވުމަކީ، އަމިއްލަ ވަކި ޤައުމެއްކަމުގެ އެއް ދަލީލު ކަމަށާއި، އަމިއްލަ ބަހެއް ލިބިގެންވާނަމަ، އެ ބަހަކުން މުޢާމަލާތްކޮށްގެން އުފެދޭނީ، އަމިއްލަ ވަކި ސަގާފަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. 

މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުންތެރި ހަތިޔާރެއް ކަމަށްވެސް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco