ޚަބަރު
މުރައިދޫ "އަލްބުރޫޖު 5 ވަނަ ކައުންސިލު ގުރުއާން މުބާރާތް" ކާމިޔާބުކަމާއެކު ނިންމާލައިފި
އިނާމު ދިނިމުގެ ޖަލްސާ - ފޮޓޯ:
ހއ. މުރައިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "އަލްބުރޫޖު 5 ވަނަ ކައުންސިލު ގުރުއާން މުބާރާތް" ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަގޮތެއްގައި ބާއްވައިފިއެވެ.
މި މުބާރާތަކީ ކުދިންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުގެ މަގުން ރީތިކޮށް ގުރުއާން ކިޔެވުމުގެ ހުނަރު ކުރިއެރުވުމަށް ބޭއްވުނު މުބާރާތެކެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ހއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން ޝިޒްލީންއެވެ. މި ޖަލްސާގައި މުރައިދޫ ކައުންސިލުގެ ރައީސް އަމްޖަދު މުހައްމަދާއި، ކައުންސިލުގެ ނައިބު ރައީސާއި، މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސާ އައިމިނަތު ފަރީޒާ އާއި އެ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުބާރާތުގައި ޖުމްލަ 78 ބައިވެރިން ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ބަލައިގެން ކިޔެވުމުގެ ގޮފިން 56 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފިން 19 ދަރިވަރުން ބައިވެރިވިއެވެ.
މުބާރާތުގެ ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި، މިފަހަރުގެ މުބާރާތުން ފެނިގެންދިޔައީ ވަރަށް ހިތްގައިމު އަދި އަޑުއަހާލަން ފަސޭހަ ކިޔެވުންތަކެކެވެ. ވަކިން ހާއްސަކޮށް 7 އަހަރާއި، 13 އަހަރާއި އަދި 16 އަހަރުން ދަށުގެ ދަރިވަރުން ތަފާތު ރާގުތަކަށް، އެއްވެސް ޖެހިލުމެއްނެތި ހަމަޖެހިލައިގެން ސުވާލުތަކަށް ޖަވާބުދީ ކިޔަވާފައިވާކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.
ޖަލްސާގެ ޝަރަފްވެރި މެހެމާނު ހުސެއިން ޝިޒްލީންގެ ވާހަކަފުޅުގައި، ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް ލޯބި އަށަގެންނެވުމަށް މިފަދަ މުބާރާތްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ބެލެނިވެރިން މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރައްވައި، އަބަދުވެސް ގުރުއާން ކިޔަވާ ކުދިންގެ ގޮތުގައި ދެމިތިބުމަށް ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
މުރައިދޫ ކައުންސިލުގެ ރައީސް އަމްޖަދު މުހައްމަދުގެ ވާހަކަފުޅުގައި ވިދާޅުވީ، އަންނަ އަހަރުގެ މުބާރާތް މިއަށްވުރެ ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް ބެލެނިވެރިންނާ މަޝްވަރާކޮށްގެން ތަފާތު ގޮތްތަކަކަށް ވިސްނަވަމުންދާ ކަމަށެވެ.
މި ޖަލްސާގައި މުބާރާތް ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.
- މުޅި މުބާރާތުން 3 ވަނަ ޝިވާން ބިން އަމްޖަދު މުޙައްމަދު (13 އަހަރުން ދަށް)
- މުޅި މުބާރާތުން 2 ވަނަ މުޙައްމަދު އީޠަން (16 އަހަރުން ދަށް)
- މުޅި މުބާރާތުން 1 ވަނަ ޔަލްވީ ބިންތް ޙުސައިން ޞާލިޙް (16 އަހަރުން ދަށް)
މި މުބާރާތަކީ ރަށުގެ ދަރިވަރުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ ވަރަށް ކާމިޔާބު ހަރަކާތެކެވެ.
މި ފަހަރުގެ މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މުޅި މުބާރާތުން އެއްވަނައަށް ހޮވުނު ދަރިވަރަށް ހުށަހެޅިފައިވާ އުމްރާ ދަތުރެވެ.