Ads by Farudhun

ޚަބަރު

ނެއްލައިދޫ ސިއްހީ މަރުކަޒު ތަރައްގިކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދަނީ

ނެއްލައިދޫ ސިއްހީ މަރުކަޒު ތަރައްގިކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދަނީ

މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 އޯގަސްޓު 2026، 10:25

02 އޯގަސްޓު 2026، 10:25

ހދ. ނެއްލައިދޫގެ ސިއްހީ މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، އިމާރާތުގެ ފައުންޑޭޝަންގެ ފުޓިންގަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށެވެ. 

ނެއްލައިދޫގެ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރުއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އެމްޓީސީސީއިން ވަނީ، މިއީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހދ. ނެއްލައިދޫއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. މި ދަތުރުގެ ތެރޭގައި ރައީސް ވަނީ އެ ރަށުގައި 4 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށްޓަވާފައެވެ.



ދަތުރުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ،  އަމާޒުހިފާފައިވަނީ ސައުވީސް ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ނެއްލައިދޫގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް ކަމަށެވެ. 

އަދި ރައީސް ވަނީ ނެއްލައިދޫގެ ސިއްހީ މަރުކަޒު  މަތީ ފެންވަރަކަށް ބަދަލުކުރުމަށް ހިންގާ މި މަޝްރޫއުގެ ސަބަބުން، އެ ރަށުގެ ސިއްހީ ހިދުމަތް ވަރަށް ރަނގަޅުވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި މަޝްރޫއު ނިމިގެން ދިއުމުން، އިތުރުވާ ޖާގައިން، ސިއްހީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރާނެ ޖާގަ އިތުރުވެގެންދާނެ ކަމަށާއި، ސިއްހީ މަރުކަޒުގައި  ލެބޯރެޓަރީގެ ހިދުމަތް ވެސް ދެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450