ޚަބަރު
ބާޖަކުން ޖެހި ގެއްލުން ލިބުނު ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ހުޅުމާލެ ލަކުޑި ޖެޓީގެ މަސައްކަތް ކުރިޔަށް ދަނީ / ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި، އެ ރަށުގެ ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެތަން މަރާމާތުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި ހާދިސާގައި ޖެޓީގެ ސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެހެންކަމުން ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޗްޑީސީން ވަނީ އުތުރު ފާލަން ވަގުތީގޮތުން ބަންދުކޮށްފައެވެ.
ހުޅުމާލޭ ލަކުޑި ޖެޓީއަކީ ގިނަ އަދަދެއްގެ އާންމުންނާއި އުޅަނދުފަހަރުން ބޭނުންކުރާ މުހިންމު ސަރަހައްދަކަށް ވާތީ، މަރާމާތުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި، ޖެޓީ އަލުން ހުޅުވާލުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޖެޓީ ބަންދުކޮށްފައިވާ މުއްދަތުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކޯޕަރޭޝަނުން ވަނީ މައާފަށް އެދިފައެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ވީހާވެސް ފަސޭހަ އަދި ރައްކާތެރި ގޮތެއްގައި ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.