Ads by Farudhun

ޚަބަރު

ރިވެލި އެވޯޑު 2026 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ރިވެލި އެވޯޑު 2026 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ރިވެލި އެވޯޑު 2021 / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

02 އޯގަސްޓު 2026، 04:29

02 އޯގަސްޓު 2026، 04:29

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެފަރާތްތަކުގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ "ރިވެލި އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ހުޅުވާލައިފިއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ޤައުމީ ހަރަކާތެކެވެ.

މި އެވޯޑު ދިނުމުގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކުރުން ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި އެވޯޑުގެ ޒަރީޢާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި، މުޖުތަމަޢުގެ އެކި ދާއިރާތަކުން އެފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދީ، އަމިއްލަ މިނިވަންކަމާއެކު ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ.

ރިވެލި އެވޯޑު 2026 ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 6 ކެޓަގަރީއަކުންނެވެ. އެއީ:

  1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ.
  2. ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީ ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް.
  3. ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ (ސަރުކާރު އަދި އަމިއްލަ ފަރާތްތައް).
  4. ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތައް.
  5. ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ.
  6. އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އެހީތެރިވާ ފަރާތްތައް (އަމިއްލަ އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް).


މި އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި އުޞޫލުތައް ހިމެނޭ ލިޔުންތައް، އުމަރު ޒާހިރު އޮފީސް ބިލްޑިންގގައި ހުންނަ ހެލްތު މިނިސްޓްރީގެ ކައުންޓަރުންނާއި، އެ މިނިސްޓްރީގެ ވެބްސައިޓް (health.gov.mv) އިން ލިބޭނެއެވެ. އަދި އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުންވެސް ފޯމު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތައް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 30 އޮގަސްޓު 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450