ޚަބަރު
ރިވެލި އެވޯޑުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކުރިއަރުވައިދޭ: ވަޒީރު
ސިއްހަތާއި ޢާއިލާ އާއި އިޖްތިމާޢީ އެހީ އާއި ބެހޭ ވަޒީރު---
ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކުރިއަރުވައި، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ސިއްހަތާއި ޢާއިލާ އާއި އިޖްތިމާޢީ އެހީ އާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި "ރިވެލި އެވޯޑް 2026" ގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގެ އެންމެ ކުރީ ސަފަށް ނެރެ، އެއްވެސް ފަރާތެއް ބާކީނުކޮށް ޝާމިލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެވެ. ވަކިން ޚާއްޞަކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުގެ އަޑު ވަރަށް ގާތުން އައްސަވައި، އެ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކޮށްދެއްވުމަށާއި ދިރިއުޅުމުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށްޓަކައި އެމަނިކުފާނަށް ވަޒީރު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންތެރި ތަޞައްވުރަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރިހާ ގޮތަކުންވެސް ފަހި، އުފާވެރި އަދި ފާގަތި މުސްތަޤުބަލެއް ދިވެހިރާއްޖޭގައި ޤާއިމުކޮށްދެއްވުން ކަމަށެވެ. އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ވިއުގައިގެ ތެރެއިން ލިބޭ އެއްވެސް އެހީތެރިކަމަކުން ނުވަތަ ޢިނާޔަތަކުން އެފަދަ ފަރާތްތައް މަޙްރޫމުވިޔަ ނުދިނުމަކީ ރައީސްގެ މުހިންމު ވަޢުދުފުޅެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ވަޢުދުފުޅާ އެއްގޮތަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވައި، ދެއްވާ ލަފައާއި އިރުޝާދަކީ މަސައްކަތްތައް ކާމިޔާބުކުރުމަށް ލިބޭ ބޮޑު ހިތްވަރެއް ކަމުގައިވެސް ވިދާޅުވިއެވެ.
ރިވެލި އެވޯޑުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަސައްކަތްތަކާއި އުފެއްދުންތެރިކަން ކުރިއަރުވައި، އެ ފަރާތްތަކުން ކުރިމަތިލާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ހިތްވަރުދިނުމަށް ދެވޭ އެވޯޑެއް ކަމަށެވެ. އަދި އެ ފަރާތްތަކުގެ ފަހަތުގައި ތިއްބެވި އެހީތެރިންނާއި ޚިދުމަތްތެރިންގެ އަގު ވަޒަންކުރުމުގެ އިތުރުން، އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީ، އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް ވުޒާރާއިން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައިވެސް މި އެވޯޑުގެ ދައުރު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ވަކިވަކި ފަރުދުންގެ އިތުރުން ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި ކުންފުނިތަކުންނާއި ޖަމްޢިއްޔާތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، ހުނަރު ތަރައްޤީކުރުމަށް ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، ވަޒީރު ވަނީ އެ ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.