ދުނިޔެ
ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި 10 މީހުން ޝަހީދުވެއްޖެ
ޣައްޒާގެ ޝަހީދުންތަކެއްގެ ޖަނާޒާ ބާއްވަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި، ތިން ކުޑަކުދިން ހިމެނޭހެން ފަލަސްތީީނުގެ 10 ރައްޔިތަކު ޝަހީދުކޮށްލައިފިއެވެ.
އެމެރިކާގެ އެހީތެރިކަމާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، އިސްރާއީލުން ދަނީ ޣައްޒާގެ އާންމުން ދިރިއުޅޭ ގެތަކަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ބޮން އަޅަމުންނެވެ.
ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ އަލް-ސޫސީ ޓަވަރުގެ އެޕާޓްމަންޓަކަށް ދިން މިސައިލް ހަމަލާއެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިމީހާ އާއި އޭނާގެ އަންހެނުންގެ އިތުރުން އެމީހުންގެ ދަރިއެކެވެ. މެޑިކަލް މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި މި ހަމަލާގައި އެ އަންހެންމީހާގެ ބަނޑުގައި އޮތް ދަރިފުޅުވެސް ވަނީ މަރުވެފައެވެ.
ޣައްޒާގެ މެދުތެރޭ ސަރަހައްދުގެ ޑީރް އަލް-ބަލާހްގެ ދެކުނުން އޮންނަ އަލް-މަޝްއަލާ ސަރަހައްދަށް ދިން ވައިގެ ހަމަލާއެއްގައި ދެމަފިރިއަކު ޝަހީދުވެފައިވާއިރު، މީގެ ކުރިން ހިނގި ގަތުލުއާންމުތަކުގައި އެމީހުންގެ ތިން ފިރިހެން ދަރިންވެސް ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން ޚާން ޔޫނިސްގެ އުތުރު ހުޅަނގުގައި އޮންނަ އަލް-ގަރާރާގައި ހުރި ގެއަކަށް ދިން ހަމަލާއެއްގައި ކުޑަކުއްޖަކާއެކު ތިން މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޮކްޓޫބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އަމަލީ ގޮތުން ހިނގަން ފެށި ފަހުންވެސް، އިސްރާއީލުން ވަނީ 3,690 އަށްވުރެ ގިނަ ފަހަރު އެއްބަސްވުމާ ހިލާފުވެފައެވެ. ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި، އެއްބަސްވުމަށްފަހު މިހާތަނަށް 1,230 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އެއްވެސް އިންޒާރަކާ ނުލައި ދީފައިވާ ހަމަލާތަކެވެ.
އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާ ޓާކް ވަނީ އިސްރާއީލުގެ މި ހަމަލާތައް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ "މެދުކެނޑުމެއްނެތި މީހުން މެރުމުގެ މި އަމަލުތަކުން ފެންނަނީ އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބެލުމެއްނެތް މިންވަރު" ކަމަށެވެ. ޑޮކްޓާސް ވިތައުޓް ބޯޑާސް (MSF) އިން ބުނި ގޮތުގައި މިއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމެއް ނޫނެވެ، އަދި ދުނިޔެއިން ދަނީ ފަލަސްތީނު މީހުން ކޮންމެ ދުވަހަކު މަރަމުންދާ މަންޒަރު އާންމު ކަމެއްގެ ގޮތުގައި ބަލަމުންނެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 73,340 އަށްވުރެ މައްޗަށް އަރާފައެވެ. މިދިޔަ ޖުލައި މަހު އެކަނިވެސް 152 މީހުން ޝަހީދުކޮށްލާފައިވާއިރު، މިއީ މިއަހަރުގެ ތެރޭގައި އެއް މަހެއްގައި އެންމެ ގިނަ މީހުން ޝަހީދުވި މަހެވެ. އދ. ގެ މިނިވަން ކޮމިޝަނަކުން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ދަނީ ގަސްތުގައި ކުޑަކުދިންނަށް އަމާޒުކޮށް ގަތުލުއާންމު ހިންގަމުންނެވެ.