ޚަބަރު
އަމީނީމަގުގެ މަރާމާތަށް މިރޭ ދަންވަރުން ފެށިގެން ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަނީ
އަމީނީމަގުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
މާލޭގެ މައި މަގުތަކުގެ ތެރޭގައި ހިމެނޭ އަމީނީމަގުގެ ތާރުގަނޑު ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށް ސަރުކާރުން ނިންމައިފައިވާތީ، މިރޭ ދަންވަރު 12 ގެ ފަހުން އެމަގުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފުލުހުން ނިންމައިފިއެވެ.
މި މަސައްކަތަކީ އަމީނީމަގުގެ އެކި ސަރަހައްދުތަކުން ތާރުގަނޑު އުފުލި، ދުއްވާ އުޅަނދުތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސާވޭތައް މިހާރު ވަނީ ނިންމާލާފައެވެ. އެ ކުންފުންޏާ ހަވާލާދީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފުރަތަމަ ސެގްމަންޓުގެ މަސައްކަތް މާދަމާ ފެށުމަށްޓަކައި ބޭނުންވާ ބޮޑެތި މެޝިނަރީތައް މިރޭ އެ ސަރަހައްދަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަމީނީމަގު މަރާމާތް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް 2026 އޮގަސްޓް 2 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
— Maldives Police (@PoliceMv) August 2, 2026
އެހެންކަމުން، 2026 އޮގަސްޓް 2 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ޗާޓުގައިވާ ގޮތަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް… pic.twitter.com/7a0P2oQOpw
ޓްރެފިކަށް އަންނާނެ ބަދަލުތައް
ފުލުހުން ވިދާޅުވި ގޮތުގައި، އޮގަސްޓް 2 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް މަގުގެ ބައެއް ބަންދުކުރެވޭނެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީގައި އޮންނަ ޕާކާ ހަމައަށް އަމީނީމަގު އެއްކޮށް ބަންދުކުރާނެއެވެ. މީގެ އިތުރުން، މަސައްކަތް ނިމެންދެން އިއްޒުއްދީން މަގުން އަމީނީމަގަށް އުޅަނދުތަކަކަށް ނުނިކުމެވޭނެއެވެ.
"އޮގަސްޓް 2 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ޗާޓުގައިވާ ގޮތަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ވާހަކަ ދަންނަވަން. އަދި މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މަތީގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިން އެ ސަރަހައްދުން ނެންގެވުމަށް ދަންނަވަން،" ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓެއްގައި ވެއެވެ.
އަމީނީމަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ނިންމައި މުޅި މަގު ހުޅުވާލާފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގައެވެ. ނަމަވެސް، މަގުގެ ހުޅަނގު ފަރާތުގެ (ސެގްމަންޓް 11 އަދި 12) ތާރުގަނޑު ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ފަންނީ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިކަން ދިމާވީ މިދިޔަ ސަރުކާރުގައި ތާރު އެޅުމަށްފަހު، އެ އެއްކޮށް ހިކުމުގެ ކުރިން އުޅަނދުތަކަށް މަގު ހުޅުވާލުމުގެ ސަބަބުންނެވެ.
މިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހޭދަކޮށްގެން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މަރާމާތު މިހާރު ފަށަނީ، މަގުގެ ފެންވަރު ރަނގަޅުކޮށް އާންމުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށެވެ. ފުލުހުން ވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭ 12 ގެ ކުރިން ނެގުމަށް އިލްތިމާސްކޮށްފައެވެ.