ޚަބަރު
ކުނި ވަކިނުކުރާނަމަ ތިލަފުށިން ކުނި ބަލައިނުގަތުމަށް ނިންމައިފި
ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަނީ---
މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުންދާ ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން، ކުނި ވަކިނުކޮށް ތިލަފުށީގެ ރީޖަނަލް ފެސިލިޓީއަށް ގެންދާ އުޅަނދުފަހަރުން ކުނި ބަލައިނުގަތުމަށް ނިންމައިފިއެވެ.
ވެމްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ތިލަފުށީގެ ރީޖަނަލް ފެސިލިޓީއަށް ކުނި އުކާލުމަށް އަންނަ އުޅަނދުފަހަރުން ކުނި ގެންނަންވާނީ ކަނޑައެޅިފައިވާ އުސޫލުން ވަކިކޮށްގެން ކަމަށެވެ. އަދި މި އުސޫލާ ހިލާފަށް ކުނި ވަކިނުކޮށް ގެންނަ އުޅަނދުތަކަށް އެ ފެސިލިޓީއިން ހިދުމަތް ނުދޭނެ ކަމަށާއި، އެފަދަ އުޅަނދުފަހަރުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ވެމްކޯއިން ފާހަގަކުރި ގޮތުގައި، މިހާރު ގިނަ އުޅަނދުތަކުން ކުނި ގެންނަނީ އެކި ބާވަތްތައް މަސްހުނިކޮށްގެންނެވެ. މީގެ ސަބަބުން ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި، ކުނިތައް އެއްކޮށް ހުރުމުގެ ސަބަބުން ދާދިފަހުން ތިލަފުށީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުނި އުކާލުމުގައި ވަކިކުރަންޖެހޭ މައިގަނޑު ބާވަތްތަކަކީ ގާކުނި ، ބޮޑެތި ކުނި އަދި އެހެނިހެން ކުންޏެވެ.
ވެމްކޯއިން ހާއްސަ ސަމާލުކަމެއް ދީގެން ގާކުނި ވަކިކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުނި ވަކިކުރުމަކީ ތިލަފުށީގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކުނި ނައްތާލުމުގެ މަސައްކަތް ހަލުވިކުރުމަށް ނުހަނު މުހިންމު ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ލޭންޑިން ކްރާފްޓްތަކަށް ކުނި ބަރުކުރުމުގައި ގެންގުޅޭނެ ތަރުތީބުވެސް ވެމްކޯގެ އިއުލާނުގައި ވަނީ ހާމަކޮށްފައެވެ. މިއީ ކުނި އުކާލުމުގެ މަސައްކަތް އިތުރަށް ތަރުތީބުކޮށް، ވަގުތު ސަލާމަތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ވެމްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުޅި ރާއްޖޭގައި އުފައްދާ ކުނީގެ 60 އިންސައްތަ އުކާލެވެނީ ތިލަފުއްޓަށެވެ. އެހެންކަމުން، މިހާ ގިނަ އަދަދެއްގެ ކުނި މެނޭޖުކުރުމުގައި އާންމުންނާއި ކުނި އުފުލާ ފަރާތްތަކުގެ އެއްބާރުލުން ނުހަނު ބޭނުންވާކަމަށް ވެމްކޯއިން ބުނެފައިވެއެވެ.