ޚަބަރު
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުރެހުމާއި ފޮޓޯ ނެގުމުގެ މުބާރާތުގެ މައުރަޒު ހުޅުވައިފި
2026 ވަނަ އަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: ތަރިކައާއި ބެހޭ ވުޒާރާ|
2026 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެން.ސީ.އޭ) ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ މައުރަޒު "ދި އެގްޒިބިޝަން" ގެ ނަމުގައި ނޭޝަނަލް އާޓް ގެލެރީގައި ފަށައިފިއެވެ.
ކުރެހުމުގެ މުބާރާތް ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންގޮސްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 10 އަހަރާއި 15 އަހަރާ ދެމެދު، 16 އަހަރާއި 20 އަހަރާ ދެމެދު، އަދި 21 އަހަރުން މަތީގެ އުމުރުފުރާއެވެ. މި މުބާރާތުގައި ޖުމްލަ 74 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން 10-15 އަހަރުގެ އުމުރުފުރާއިން 31 ކުރެހުން، 16-20 އަހަރުގެ އުމުރުފުރާއިން 28 ކުރެހުން އަދި 21 އަހަރުން މަތީގެ އުމުރުފުރާއިން 15 ކުރެހުން ހުށަހަޅާފައިވެއެވެ.
16 އަހަރުން މަތީގެ އުމުރުފުރާއަށް ހުޅުވާލައިގެން ބޭއްވި ފޮޓޯގްރަފީ މުބާރާތުގައި ޖުމްލަ 90 ފަރާތަކުން ބައިވެރިވެފައިވެއެވެ. ދެ މުބާރާތުންވެސް ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަކަށް 10,000 ރުފިޔާ، 2 ވަނައަށް 6,000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 3,000 ރުފިޔާގެ އިތުރުން ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތްތަކަށް ހުށަހެޅުނު އުފެއްދުންތަކުގެ ތެރެއިން ކުރެހުމުގެ ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 10 ކުރެހުން އަދި ފޮޓޯގްރަފީ މުބާރާތުން އެންމެ މޮޅު 10 ފޮޓޯ މި މައުރަޒުގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. "ދި އެގްޒިބިޝަން" ކުރިއަށްދާނީ އޮގަސްޓް 2026 އިން ފެށިގެން 08 އޮގަސްޓް 2026 ގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ. ހުކުރު ދުވަހު މައުރަޒު ހުޅުވާފައި ހުންނާނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ.
މި މުބާރާތްތަކުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 02 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ނޭޝަނަލް އާޓް ގެލެރީގައެވެ.