ޚަބަރު
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުރެހުމާއި، ފޮޓޯގްރަފީ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމުދީފި
މިނިސްޓަރު ހީނާ ވަލީދު
ދިވެހިރާއްޖޭގެ މިނިވަން ކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެން.ސީ.އޭ) ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ކުރެހުމުގެ މުބާރާތާއި ފޮޓޯގްރަފީ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދީފިއެވެ.
ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މުބާރާތްތަކުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު އާއި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ވަޒީރު ހީނާ ވަލީދުއެވެ.
އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތްތަކުގެ ތެރެއިން ކުރެހުމުގެ މުބާރާތުގައި ޖުމްލަ 74 ފަރާތަކުން ބައިވެރިވިއެވެ. މީގެ ތެރޭގައި 10 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާއިން 31 ކުރެހުން، 16 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާއިން 28 ކުރެހުން، އަދި 21 އަހަރުން މަތީގެ އުމުރުފުރާއިން 15 ކުރެހުން ހިމެނެއެވެ. ފޮޓޯގްރަފީ މުބާރާތުގައި 90 ފަރާތަކުން ބައިވެރިވެފައިވާއިރު، އެ މުބާރާތް ހުޅުވާލާފައިވަނީ 16 އަހަރުން މަތީގެ އުމުރުފުރާއަށެވެ.
މި މުބާރާތްތަކުގެ 1 ވަނައަށް ހޮވުނު ފަރާތަށް 10،000 ރުފިޔާ، 2 ވަނައަށް 6،000 ރުފިޔާ އަދި 3 ވަނައަށް ހޮވުނު ފަރާތްތަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ.
ކުރެހުމުގެ މުބާރާތުން ވަނަ ހާސިލްކުރި ފަރާތްތައް:
- 10 އަހަރާއި 15 އަހަރާ ދެމެދު: 1 ވަނަ: މުޙައްމަދު ޔޫޢާން ޢަލީ، 2 ވަނަ: ޔުސައިރާ މުޙައްމަދު ޔަމާނީ، 3 ވަނަ: މަރިޔަމް އަންޖަލް ސިދުނީން.
- 16 އަހަރާއި 20 އަހަރާ ދެމެދު: 1 ވަނަ: ފާޠިމަތު މަންޝާ އިބްރާޙިމް، 2 ވަނަ: ޢައިނާ އަޙްމަދު ޒަބީޙް، 3 ވަނަ: އަޙްމަދު އީމާން މުޙައްމަދު.
- 21 އަހަރުން މަތި: 1 ވަނަ: ޢަލީ ނަބީލް، 2 ވަނަ: އައިޝަތު ލިޢުޝާ، 3 ވަނަ: އައިޝަތު ޘުބާ އަލީ.
ފޮޓޯގްރަފީ މުބާރާތުން ވަނަ ހާސިލްކުރި ފަރާތްތައް:
1 ވަނަ: ނައުޝަމް ވަހީދު، 2 ވަނަ: ސިދުރާ އިބްރާހީމް، 3 ވަނަ: އިބްރާހީމް ޝަހީމް.
މި މުބާރާތްތަކަށް ހުށަހެޅުނު ކުރެހުންތަކުގެ ތެރެއިން ކޮންމެ އުމުރުފުރާއަކުން ހޮވުނު އެންމެ މޮޅު 10 ކުރެހުމާއި، ފޮޓޯގްރަފީ މުބާރާތުގެ އެންމެ މޮޅު 10 ފޮޓޯ އާއްމުންނަށް ދައްކާލުމަށް "އިން ރިލޭޝަން އެގްޒިބިޝަން" ގެ ނަމުގައި މިހާރު ވަނީ މައުރަޒެއް ހުޅުވާފައެވެ. ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މައުރަޒު އޮގަސްޓް 3 އިން 8 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މައުރަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ. ހުކުރު ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ.