Ads by Farudhun

ޚަބަރު

އަމީނީމަގުގެ މަރާމާތުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

އަމީނީމަގުގެ މަރާމާތުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޯގަސްޓު 2026، 03:09

03 އޯގަސްޓު 2026، 03:09

މާލޭގެ މައި އެއް މަގު ކަމަށްވާ އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މިއީ 2023 ވަނަ އަހަރު މިދިޔަ ސަރުކާރުން ތަރައްގީކުރި މަގެއް ނަމަވެސް މަގުގެ އެކި ސަރަޙައްދުތަކުން ތާރުގަނޑު އުފުލި، މަގު ހަލާކުވުމާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެމްޓީސީސީން ވިދާޅުވީ، މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސަރވޭތައް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން މަގު މަރާމާތުކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް މިހާރު ވަނީ ބަންދުކޮށްފައެވެ. ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި އަމީނީމަގުގެ ހުޅަނގު ފަރާތް އަވަހަށް ހަލާކުވާން ދިމާވީ، ތާރު އެޅުމަށްފަހު ރަނގަޅަށް ނުހިކެނީސް ބަރު އުޅަނދުތަކާއި ބަސްތަކަށް މަގު ހުޅުވާލުމުގެ ސަބަބުންނެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު މުޅިން ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް މަސައްކަތް ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުގެ ބައެއް ސަރަޙައްދުތަކުން ތާރުގަނޑު އުފުލި ބޭނުންކުރަން އުނދަގޫވާ މިންވަރަށް ވަނީ ހަލާކުވެފައެވެ.

މަގު މަރާމާތުކުރުމަށް ބަންދުކުރުމާ ގުޅިގެން އާރްޓީއެލް ބަހުގެ ޚިދުމަތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެމްޓީސީސީން ވިދާޅުވީ، ރޫޓް-10 ގެ ދަތުރުތައް ވެސްޓު ޕާކު ބަސް ސްޓޮޕަށް ނިންމާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، މި މުއްދަތުގައި ސޯޝަލް ސެންޓަރާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ބަސް މަޑުނުކުރާނެ ކަމަށެވެ. މީގެ އިތުރުން ރޫޓް-11 ގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، އެހެނިހެން ރޫޓުތަކުގެ ބަސްތައް މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450