ދުނިޔެ

އޮސްޓްރޭލިއާގައި ދޫނި ރޯގާ ފެތުރިދާނެ ކަމުގެ އިންޒާރު ދީފި

އޮސްޓްރޭލިއާގައި ދޫނި ރޯގާ ފެތުރިދާނެ ކަމުގެ އިންޒާރު ދީފި

އޮސްޓްރޭލިއާގައި ދޫނި ރޯގާ ފެތުރުމުގެ ނުރައްކާ އޮތްކަމަށް ކަނޑައެޅުން---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޯގަސްޓު 2026، 04:36

03 އޯގަސްޓު 2026، 04:36

އޮސްޓްރޭލިއާގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދަކުން ގިނަ އަދަދެއްގެ ކަނޑުދޫނިތަކެއް މަރުވެފައިވާކަން ފާހަގަކުރެވި، އެޗް5އެން1 ބާޑް ފްލޫ އިތުރަށް ފެތުރިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސަރުކާރުންދީފިއެވެ.

މިއީ އެ ގައުމުގައި މި ބަލީގައި އެއްފަހަރާ ގިނަ އަދަދެއްގެ ދޫނިތަކެއް މަރުވި ފުރަތަމަ ހާދިސާއެވެ.

އެގްރިކަލްޗަރ މިނިސްޓަރު ޖޫލީ ކޮލިންސް ހޯމަ ދުވަހު ވިދާޅުވީ، އެޑިލެއިޑާ 250 ކިލޯމީޓަރު ދުރުގައި އޮންނަ ކޭޕް ޖަފާ ސަރަހައްދުން ފެނުނު 49 މަރުވެފައިވާ ދޫންޏާއި 35 ބަލި ދޫނި ޓެސްޓުކުރުމުން އެޗް5އެން1 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް އޮސްޓްރޭލިއާގެ ދަނޑުވެރިކަން ކުރާ ސަރަހައްދުތަކުން މި ވައިރަސް ފެނިފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކެންބެރާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ކޮލިންސް ވިދާޅުވީ، "އޮސްޓްރޭލިއާގެ ރައްޔިތުން މި ބަލި އިތުރަށް ފެތުރި، ގިނަ އަދަދެއްގެ ވަލުޖަނަވާރުތަކަށް މީގެ އަސަރުކުރާނެ ކަމަށް ތައްޔާރުވާންޖެހޭ" ކަމަށެވެ. ފެޑަރަލް އެންވަޔަރަންމަންޓް މިނިސްޓަރު މުރޭ ވޮޓްވެސް ވަނީ މިކަމަށް ބާރުދެއްވައި، ވަލުދޫނިތަކާއި ޖަނަވާރުތައް އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އޮސްޓްރޭލިއާއާއި ނިއުޒީލެންޑުން ވަނީ މި ވައިރަސް ފެތުރިދާނެ ކަމަށް ބަލައި ގިނަ އަހަރުތަކެއް ވަންދެން ތައްޔާރުވެފައެވެ. މީގެ ތެރޭގައި ދަނޑުތަކުގެ ބަޔޯސެކިއުރިޓީ ވަރުގަދަކުރުމާއި، ދޫނިތައް ޓެސްޓުކުރުމުގެ އިތުރުން ނުރައްކަލަށް ހުށަހެޅިފައިވާ ދިރޭތަކެއްޗަށް ވެކްސިން ދިނުން ހިމެނެއެވެ.

ފާއިތުވި އަހަރުތަކުގައި އެޗް5އެން1 ވައިރަސްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ދޫނިތަކާއި ޖަނަވާރުތަކެއް ވަނީ މަރުވެފައެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް ބިލިއަނުން ޑޮލަރުގެ ގެއްލުން ލިބިފައިވާއިރު، އެމެރިކާގައި ގެރިބަކަރިއަށްވެސް މި ބަލި ޖެހިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ބަލި ޖެހިފައިވާ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް މި ބަލި ޖެހުމުގެ ފުރުސަތު އޮތް ނަމަވެސް، ދުނިޔޭގެ ނިސްބަތުން އިންސާނުންނަށް މި ބަލި ޖެހިފައިވާ އަދަދު މަދެވެ. އެހެންކަމުން އިންސާނުންނަށް އޮތް ނުރައްކާ ކުޑަ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450