ސައިންސް / ދުނިޔެ

މައިމީހާ ބަނޑުގައި އޮތް ތުއްތު ކުއްޖެއްގެ ގުނަވަންތައް ހަށިގަނޑުގެ ތެރެއަށް ލުމަށް ކާމިޔާބު އޮޕަރޭޝަނެއް

މައިމީހާ ބަނޑުގައި އޮތް ތުއްތު ކުއްޖެއްގެ ގުނަވަންތައް ހަށިގަނޑުގެ ތެރެއަށް ލުމަށް ކާމިޔާބު އޮޕަރޭޝަނެއް

އޮޕަރޭޝަން ކުރިއަށް ދިޔަ ވަގުތު ނަގާފައިވާ ފޮޓޯއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޯގަސްޓު 2026، 04:49

03 އޯގަސްޓު 2026، 04:49

ދުނިޔޭގެ ބޭސްވެރިކަމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ އާދަޔާޚިލާފު އޮޕަރޭޝަނެއް ކޮށް، މައިމީހާގެ ބަނޑުގައި އޮތް ތުއްތު ކުއްޖެއްގެ ހަށިގަނޑުން ބޭރަށް ނުކުމެފައި ހުރި ގުނަވަންތައް ކާމިޔާބުކަމާއެކު އަލުން ހަށިގަނޑުގެ ތެރެއަށް ލައިފިއެވެ.

ލަންޑަނަށް ނިސްބަތްވާ މޭޒީ ސަވޭޖްގެ ބަނޑަށް 26 ހަފުތާގައި، އެމެރިކާގެ ޓެކްސަސް ޗިލްޑްރަންސް ހޮސްޕިޓަލުގެ ޑޮކްޓަރުން ކުރި މި އޮޕަރޭޝަނަކީ 'ގެސްޓްރޯސްކައިސިސް' (gastroschisis) ކިޔާ ނާދިރު ބައްޔަކަށް ފަރުވާ ހޯދުމަށް ކުރި އޮޕަރޭޝަނެކެވެ. މިއީ ތުއްތު ކުއްޖާގެ ފޫޅު ރަނގަޅަށް އުފެދިފައި ނެތުމުގެ ސަބަބުން، ބަނޑުތެރޭގައި ހުންނަންޖެހޭ ގުނަވަންތައް (މައިގަނޑު ގޮތެއްގައި ގޮހޮރު) ހަށިގަނޑުން ބޭރަށް ނުކުމެފައި ހުންނަ ބައްޔެކެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ ކީހޯލް ސާޖަރީގެ އެހީގައެވެ. ޑޮކްޓަރުން ވަނީ މައިމީހާގެ ރަހިމުގެ ބައެއް ހުޅުވާލުމަށްފަހު، ތުއްތު ކުއްޖާގެ ހަށިގަނޑުން ބޭރަށް ނުކުމެފައި ހުރި ގުނަވަންތައް ވަރަށް ފަރުވާތެރިކަމާއެކު އަލުން ބަނޑުގެ ތެރެއަށް ލައި، ފަހާފައެވެ. މިއީ މިފަދަ ކްލިނިކަލް ޓްރަޔަލްއެއްގެ ދަށުން ދުނިޔޭގައި މި އޮޕަރޭޝަން ކުރި ތިންވަނަ ކުއްޖާއެވެ.

މިހާރު އުމުރުން ފަސް މަސްވެފައިވާ ތިއޯގެ މަންމަ މޭޒީ (29 އަހަރު) ބުނިގޮތުގައި، އޭނާގެ ދަރިފުޅަކީ "މުޢުޖިޒާތެއް" ފަދަ ކުއްޖެކެވެ. އޮޕަރޭޝަނަށްފަހު ތިއޯ އުފަންވީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. ތިއޯގެ ބައްޕަ ޖޯޝް ފްރެންޗް ބުނީ، ދަރިފުޅުގެ މި ބަލީގެ ޚަބަރު ލިބުމަކީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ސިހުމެއް ކަމަށާއި، ނަމަވެސް އޮޕަރޭޝަން ކާމިޔާބުވުމުން މިހާރު ތިއޯއަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރި ކުއްޖެއް ކަމަށެވެ.

މި އޮޕަރޭޝަން އިސްވެ ހިންގެވި ޑރ. މައިކަލް ބެލްފޯޓް ވިދާޅުވީ، މިއީ ބޭސްވެރިކަމުގެ ދާއިރާއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ ކުރިން މިފަދަ ބަލިތަކުގައި އުފަންވާ ކުދިން ގިނަ ދުވަސްތަކެއް ވަންދެން އައި.ސީ.ޔޫގައި ބާއްވަން ޖެހުމާއި، ގިނަ އޮޕަރޭޝަންތަކެއް ކުރަންޖެހުމުގެ އިތުރުން ކުއްޖާ މަރުވުމުގެ ނުރައްކާ ވެސް އޮވެއެވެ. ނަމަވެސް ބަނޑުގައި އޮއްވައި މި ފަރުވާ ދިނުމުން އެ ހުރިހާ ނުރައްކަލަކުން ދަރިފުޅު ސަލާމަތްވިއެވެ.

މި ޓްރަޔަލް ކާމިޔާބުވުމާ ގުޅިގެން، ކުރިމަގުގައި އިނގިރޭސިވިލާތުގެ ގްރޭޓް އޯމަންޑް ސްޓްރީޓް ހޮސްޕިޓަލުގައި ވެސް މިފަދަ އޮޕަރޭޝަންތައް ކުރަން ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ޑޮކްޓަރުން އުންމީދު ކުރަނީ މިއީ ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިންނަށް ވެސް ބަނޑުގައި އޮއްވައި ފަރުވާ ދިނުމަށް ހުޅުވިގެންދިޔަ އާ ދޮރެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450