ދުނިޔެ

ފަލަސްތީނުގެ 'ފަގީރުންގެ ޑޮކްޓަރު' އަށް އިސްރާއިލްގެ ޖަލުގައި އަނިޔާކުރާ ކަމުގެ ތުހުމަތުތަކެއް

ފަލަސްތީނުގެ 'ފަގީރުންގެ ޑޮކްޓަރު' އަށް އިސްރާއިލްގެ ޖަލުގައި އަނިޔާކުރާ ކަމުގެ ތުހުމަތުތަކެއް

ޑރ މާޒިން ރަންތީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޯގަސްޓު 2026، 05:22

03 އޯގަސްޓު 2026، 05:22

ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި "ފަގީރުންގެ ޑޮކްޓަރު" ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 71 އަހަރުގެ ޑރ. މާޒިން ރަންތީސީ، އިސްރާއީލުގެ ޖަލުގައި އޭނާއަށް ޖިސްމާނީ އަނިޔާކޮށް، ބޭސްފަރުވާގެ ހިދުމަތުން މަހްރޫމް ކުރަމުންދާ ކަމަށް ބުނެފިއެވެ.

އިސްރާއީލުގެ ހާރެޓްޒް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ހުޅަނގު އައްސޭރީގެ ރާމަﷲ އިން ހައްޔަރުކުރި ފަހުން ޑރ. ރަންތީސީއަށް ދަނީ ބޮޑެތި އިހާނެތިކަންްތައްތަކެއް ކުރިމަތިވަމުންނެވެ.

ޑރ. ރަންތީސީއަކީ ފަގީރުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމާއި ބޭސް ފޯރުކޮށްދިނުމުގައި މަޝްހޫރު ބޭފުޅެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފަލަސްތީނުގެ ހާހުން ބަޔަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ 'ޔޫނިއަން އޮފް ހެލްތު ވޯކް ކޮމިޓީޒް' ގެ ބޯޑު ޗެއާމަންގެ މަގާމު ފުރުއްވާތީ ކަމަށް ބުނެއެވެ.

އިސްރާއީލުގެ 'ޕަބްލިކް ކޮމިޓީ އެގެއިންސްޓް ޓޯޗަރ' ގެ ވަކީލަކަށް ޑރ. ރަންތީސީ މައުލޫމާތު ދެއްވި ގޮތުގައި، އޯފަރ ޖަލުގައި އޭނާ ބަންދުކުރި ފުރަތަމަ 10 ދުވަހު އޭނާ ގަވާއިދުން ބޭނުންކުރާ ބޭސްތައް ދިނުމަށް ޖަލު އޮފިޝަލުން ވަނީ އިންކާރުކޮށްފައެވެ. އަދި މިހާރުވެސް އޭނާއަށް ބޭނުންވާ ބައެއް ބޭސްތައް ނުދޭ ކަމަށާއި، ޑޮކްޓަރަކަށް ދެއްކުމަށް އެދުމުން އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ޖަލުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ރަންތީސީ ވިދާޅުވީ، ހަފްތާއަކު އެތައް ފަހަރަކު ޖަލުގެ ގޮޅިތަކަށް ސިފައިން ވަދެ ގައިދީންނަށް އަނިޔާކުރާ ކަމަށެވެ. "އަހަރެން ސަލާމަތް ކުރުމަށްޓަކައި ޒުވާން ގައިދީން އަހަރެންގެ ވަށައިގެން އެތުރި، އެމީހުންގެ ގައިގައި ތަޅަން ފުރުސަތު ދޭ،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ގޮޅިތަކަށް ކަރުނަގޭސް ޖެހުމުގެ ސަބަބުން ނޭވާލާން އުނދަގޫވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ރަންތީސީގެ ވަކީލު ސަޖާ މިޝްރާކީ-ބަރަންސާ ވިދާޅުވި ގޮތުގައި، ޖަލުގައި ދޭ ކާނާގެ ފެންވަރު ދަށްވުމުގެ ސަބަބުން ޑޮކްޓަރުގެ ބަރުދަން ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. ގައިދީންނަށް ކާންދެނީ ފޫހަޖަހާފައިވާ ޕާނާއި، ކުނިވެފައިވާ ޓޮމާޓޯ ފަދަ އިންސާނުން ކާން އެކަށީގެންނުވާ ތަކެތި ކަމަށް އޭނާ ބުންޏެވެ. އަދި ހަ މީހުންގެ ޖާގަ އޮންނަ ގޮޅިއެއްގައި 10 މީހުން ބައިތިއްބާފައި ތިބޭއިރު، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނުވެސް ނުލިބޭ ކަމަށް ވަކީލު ވިދާޅުވިއެވެ.

އިސްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާއިން މި ތުހުމަތުތައް ދޮގުކުރި ނަމަވެސް، ޑރ. ރަންތީސީގެ ވާހަކަތަކަކީ އެހެން ގައިދީންގެ ފަރާތުންވެސް ލިބެމުންދާ ޝަކުވާތަކެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އިސްރާއީލުގެ ޕަބްލިކް ޑިފެންޑަރސް އޮފީހުން ނެރުނު ރިޕޯޓެއްގައިވެސް ވަނީ އިސްރާއީލުގެ ޖަލުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ގައިދީންގެ ހައްގުތަކަށް އިންތިހާއަށް އަރައިގަންނަމުންދާ ކަމަށް ބުނެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450