ދުނިޔެ

ޓްރަމްޕްގެ ސުލްހައިގެ ރޭވުމަށް ގޮންޖަހައި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި

ޓްރަމްޕްގެ ސުލްހައިގެ ރޭވުމަށް ގޮންޖަހައި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި

އިސްރާއިލުން ޣައްޒާއަށް ދިން ހަމަލާއަކަށްފަހު ހަލާކުވެފައިވާ ގެއެއް. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޯގަސްޓު 2026، 08:44

03 އޯގަސްޓު 2026، 08:44

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލި ރޯޑްމެޕްގެ ދެވަނަ މަރުހަލާ އިއުލާނުކުރި ފަހުން، އިސްރާއީލު ސިފައިން ޣައްޒާއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

 ހަމާސްއިން މި އެއްބަސްވުމަށް ރުހުން ދިނުމަކީ ސަލާމަތާއި ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޓްރަމްޕް ސިފަކުރެއްވި ނަމަވެސް، ބިމުގެ ހަގީގަތް އޮތީ މުޅިން ތަފާތުކޮށެވެ.

ވޭތުވެދިޔަ ހޮނިހިރު ދުވަހު އެކަނިވެސް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 19 މީހުން ޝަހީދުވެފައިވާއިރު، މި ހަފްތާ ބަންދުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 26 އަށް އަރާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ހަމާސްއިން މަރުހަލާތަކަކަށް ބަހާލައިގެން ހަތިޔާރު ބެހެއްޓުމަށް އެއްބަސްވި ނަމަވެސް، އިސްރާއީލު ސަރުކާރުން ބުނަމުންދަނީ އެ ރޭވުމާ މެދު ސަލާމަތީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

އިސްރާއީލުގެ ކަންކަމާ ބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި އެއްބަސްވުމާ މެދު ގެންގުޅުއްވަނީ އޮޅުންބޮޅުން ބޮޑު ސިޔާސަތެކެވެ. މިއީ އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބަށް އަމާޒުކޮށްގެން ގެންގުޅޭ އުކުޅެއް ކަމަށް ބެލެވެއެވެ. "އިސްރާއީލުން ބޭނުންވަނީ ރޯޑްމެޕަށް ސީދާ ނޫނެކޭ ނުބުނެ، ގައްޒާގައި މީހުން މެރުމާއި ބަނޑަށް ޖެއްސުން ކުރިއަށް ގެންގޮސް، އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ހުރަސްއަޅަން" ކަމަށް ތަޖުރިބާކާރު މުތާނަސް ޝިހާދާ ވިދާޅުވިއެވެ.

އިސްރާއީލު ސަރުކާރުން މިހާރު ދަނީ ހަރުކަށި އާ ޝަރުތުތަކެއް ކުރިމަތިކުރަމުންނެވެ. އޭގެ ތެރޭގައި ހަމާސްގެ ހަތިޔާރުތައް ހުޅަނގުގެ ގައުމަކާ ހަވާލުކުރުމާއި، ހަތިޔާރު ނައްތާލުމުގެ އެއްވެސް މަރުހަލާއެއްގައި ފަލަސްތީނުގެ އެއްވެސް އިދާރާއަކަށް ބައިވެރިނުވެވޭނެ ގޮތް ހެދުން ހިމެނެއެވެ. ނަތަންޔާހޫގެ އޮފީހުގެ ތަރުޖަމާނު ޑޮރޮން ސްޕީލްމަން ވިދާޅުވީ ހަމާސް މުޅިން ހަތިޔާރު އެޅުމުން ނޫނީ އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމެއް ނެތް ކަމަށެވެ.

އިސްރާއީލު ސިފައިން ޣައްޒާގެ 52 އިންސައްތަ ސަރަހައްދުން ފޭބުމަށް އިންކާރު ކުރަމުންދާއިރު، މުޅި ޣައްޒާގައި އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފުރިހަމަ މިނިވަންކަން ބޭނުންވާ ކަމަށް ދަނީ ބުނަމުންނެވެ. ނަމަވެސް ސުލްހައިގެ ރޯޑްމެޕްގައި އޮތީ ފަލަސްތީނުގެ މިނިވަން ފަންނީ އިދާރާއަކުން ޣައްޒާ ހިންގުމަށެވެ. ސިޔާސީ ދިރާސާވެރިޔާ އިޔާދު އަލް-ގައްރާ ވިދާޅުވި ގޮތުގައި "އިސްރާއީލުގެ އަސްކަރީ ބާރުގެ ދަށުން ހިންގާ ކޮމިޓީއެއް ރައްޔިތުން ބަލައިގަންނާނީ އިސްރާއީލަށް ވާގިވެރިވާ ބައެއްގެ ގޮތުގައެވެ."

މީގެ އިތުރުން، އެއްބަސްވުން ތަންފީޒުކުރުމުގެ މަރުހަލާގައި ގަތަރާއި ތުރުކީ ބައިވެރިވުމާ މެދު އިސްރާއީލުން ވަނީ އިއުތިރާޒުކޮށްފައެވެ. މިއީ ފަލަސްތީނަށް އޮތް ބައިނަލްއަގުވާމީ ތާއީދު ކަނޑުވާލައި، އެމީހުން އެކަހެރިކުރުމަށް ކުރާ މަސައްކަތެއް ކަމަށް މާހިރުން ދެކެއެވެ. އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން ޓްރަމްޕްގެ ސުލްހައިގެ ރޭވުން ނުރައްކަލުގެ ތެރެއަށް ވެއްޓި، ޣައްޒާގެ އިންސާނީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450