Ads by Farudhun

ޚަބަރު

އިދިކޮޅުން މަސައްކަތް ކުރަނީ ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމަށް: ވަޒީރު ސައީދު

އިދިކޮޅުން މަސައްކަތް ކުރަނީ ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމަށް: ވަޒީރު ސައީދު

ވަޒީރު ސައީދު---

farudhun logo

ފަރުދުން

03 އޯގަސްޓު 2026، 08:56

03 އޯގަސްޓު 2026، 08:56

އިދިކޮޅު ފަރާތްތަކުން ގައުމުގެ ހާލަތާ ގުޅޭގޮތުން ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެ ބޭފުޅުންގެ ބޭނުމަކީ ގަސްތުގައި ރައްޔިތުންނަށް ކަންކަން އޮޅުވާލުން ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ، ބާޒާރުގެ އަގުތަކާ ގުޅިގެން ދޮގު މައުލޫމާތު ހާމަކޮށް، ރައީސް މުހައްމަދު ނަޝީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، އިދިކޮޅުން މި ފަހަރު ދޮގު މައުލޫމާތު ހިއްސާ ކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް އޮޅުވާލައިގެން މުޒާހަރާއަކަށް މީހުން އެއްކުރުން ކަމަށެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުކިޔައި ރައީސް ނަޝީދު ވަނީ ކާބޯތަކެއްޗާއި އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަކެތީގެ އަގުތަކެއް ޙިއްސާކުރައްވާފައެވެ. އެއާއެކު، ދިރިއުޅުމުގެ ޚަރަދަށް މަހެއްގެ މައްޗަށް އާއިލާއަކަށް 30،000 ރުފިޔާއަށް ވުރެ މަތިން ޚަރަދުވަމުންދާކަމަށް ހާމަކޮށްފައިވެއެވެ.

ތެލުގެ އަގު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިއަދު ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ހުރިއިރު ޑީސަލްގެ އަގުހުރީ 17.54 ރުފިޔާއަށްކަމަށެވެ. ބައެއް އަވަށްޓެރި ގައުމުތަކުގައި ޕެޓްރޯލް ހުރި އަގު ހިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވީ، ސިންގަޕޫރުގައި ޕެޓްރޯލް އަގުހުރީ 40.09 ރުފިޔާއަށްކަމަށާއި އަދި ދުބާއީގައި އަގުހުރީ 14.77 ރުފިޔާއަށް ކަމަށެވެ. އަދި އިންޑިއާގައި ޕެޓްރޯލް އަގު ހުރީ 18.08 ރުފިޔާއަށް ކަމަށް ވެސް ވިދާޅުވިއެވެ. 

މީގެ އިތުރުން ވެސް ގިނަ އަގުތަކެއް ވަޒީރު ހިިއްސާ ކުރެއްވިއެވެ. އެގޮތުން މަހާއި، އޮލިވް އޮއިލްފަދަ އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް ވަނީ ހިއްސާކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ އަގު ވައްޓާލުމަށް އިދިކޮޅުން ދަނީ ރޭވުންތެރިކަމާއެކު ދޮގު މައުލޫމާތު ފަތުރަމުންކަމަށެވެ.

ވަޒީރު ވަނީ، ރައީސް ނަޝީދުގެ ޕޯސްޓުގައި އަގު ހިއްސާކޮށްފައިވާ ތަކެތީގެ އަގުތަށް މިހާރު ބާޒާރުގައި އުޅޭ މިންވަރަށް ވެސް ބައްލަވާލައްވާފައެވެ. އަދި އަވަށްޓެރި ގައުމުތަކުގައި އަގުތައް އުޅޭ ގޮތް ވެސް ބައްލަވައި އެ މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. އެގޮތުން ވަޒީރު ޔަޤީންކޮށްދެއްވީ، ބާޒާރުގައި ތަކެތީގެ އަގު އެ ބުނާ މިންވަރަށް އުފުލިގެން ނުދާކަމެވެ.



ސައީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެއްދުމަށެވެ. ނަމަވެސް، މިހާރުގެ ސަރުކާރަކީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރާ ސަރުކާރެއް ކަމަށާއި، ރައްޔިތުންނަށް އެއްވެސް ކަމެއް ސިއްރު ނުކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރު ސައީދުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކަށް ރައްޔިތުން ސަމާލުވުމަށާއި، މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ތަރައްގީއާއި އިގްތިސާދީ ތަނަވަސްކަން ރައްޔިތުންނަށް ހޯދައިދިނުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450