ރިޕޯޓް

ރާއްޖޭގައި ސައިބަރ ކުށްތައް 105 އިންސައްތަ އިތުރުވެއްޖެ: ގިނައީ އޮންލައިން ޝޮޕިންގް އަދި ސޯޝަލް މީޑިޔާ ސްކޭމް

ރާއްޖޭގައި ސައިބަރ ކުށްތައް 105 އިންސައްތަ އިތުރުވެއްޖެ: ގިނައީ އޮންލައިން ޝޮޕިންގް އަދި ސޯޝަލް މީޑިޔާ ސްކޭމް

ސައިބަރ ކްރައިމް. ފޮޓޯ: ގެޓީ އިމޭޖަސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 އޯގަސްޓު 2026، 09:19

04 އޯގަސްޓު 2026، 09:19

ޒަމާނާއެކު ޓެކްނޮލޮޖީގެ ވަސީލަތްތައް ކުރިއަރަމުންދާއިރު، ތައުލީމު އުނގެނުމަށާއި، ވިޔަފާރި ކުރުމަށާއި، ބޭންކިންގް އަދި މުނިފޫހިފިލުވުމަށް، މި ވަސީލަތްތަކުގެ ބޭނުންކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ. އެއާއެކު ކުށްވެރިންނަށް އޮންލައިންކޮށް ކުށްތަކަށް އަރައިގަތުމަށް ހުޅުވިފައި އޮންނަ މަގުފަހިވެ، ސައިބަރ ކުށްތައް ނުވަތަ އިންޓަނެޓް މެދުވެރިކޮށް އަރައިގަންނަ ކުށްތަކުގެ އަދަދު އިތުރުވެއެވެ. މިފަދަ ސައިބަރ ކުށްތަކުގެ ސަބަބުން އާއްމު ފަރުދުންނަށާއި، ވިޔަފާރިތަކުގެ އިތުރުން މުޅި މުޖުތަމައަށް އޭގެ ނޭދެވޭ އަސަރުކޮށް، މާލީ އެތައް ގެއްލުމެއް ލިބިގެންދެއެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު، ރާއްޖޭގައި މިފަދަ ކުށްތައް ރިޕޯޓުކޮށްފައިވާ އަދަދު ވަނީ 105 އިންސައްތަ އިތުރުވެފައި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ހާމަކޮށްްފައެވެ.

ސައިބަރ ކުށްތަކަކީ ކޮމްޕިއުޓަރާއި، ޑިޖިޓަލް ވަސީލަތްތަކާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކެވެ. މީގެ ތެރޭގައި، ހެކް ކުރުމާއި، އެހެން މީހުންގެ ވަނަވަރު ބޭނުންކޮށް އޮޅުވާލައިގެން ހިންގާ ސްކޭމްތަކުގެ އިތުރުން، މަކަރާއި ހީލަތުން ހިންގާ އެހެނިހެން ކުށްތައް ހިމެނެއެވެ. މިފަދަ ސައިބަރ-އެނޭބަލްޑް ކުށްތަކަށް އަރައިގަތުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޮޑު ދައުރެއް އަދާކުރެއެވެ. 

2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސައިބަރ ކްރައިމްގެ މިފަދަ 512 މައްސަލައެއް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. އެ އަދަދު މި އަހަރު 1053 އަށް އުފުލިފައިވާއިރު، މިކަމުގެ މައިގަނޑު ސަބަބަކީ އޮންލައިން ޝޮޕިންގް އިތުރުވުމާއި، ސޯޝަލް މީޑިޔާ މެދުވެރިކޮށް ހިންގާ ސްކޭމްތައް އިތުރުވުން ކަމަށް އެ އިދާރާއިން ބުނެއެވެ.

ފަސޭހަ ކަމާއެކު ވިޔަވާރި ކުރުމަށްޓަކައި އެތައް ދިވެހީންނެއް މިހާރު އަންނަނީ އޮންލައިން ވިޔަފާރީގެ މައްޗަށް ބަރޯސާވަމުންނެވެ. އެއާއެކު ވަގުން ވައްކަން ކުރާގޮތް ވެސް ވަނީ ބަދަލުވެފައެވެ. ފޭކު ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ ޕޭޖުތަކާއި، އިޝްތިހާރުތައްކުގެ އިތުރުން، އޮންލައިން މާކެޓްޕްލޭސްތައް މެދުވެރިކޮށް ގިނަ ސްކޭމުތައް ހިންގައެވެ. ރާއްޖޭގައި ހިންގާ އޮންލައިން ސޮޕިންގް ސްކޭމްތަކުގެ އަދަދު 439 އިންސައްތަ އިތުރުވެފައިވާއިރު، މިއީ ކަންބޮޑުވާހާ ބޮޑު އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު މިކަމާ ގުޅޭ ސްކޭމްތަކުގެ އަދަދު ހުރީ 86 ގައެވެ. މިއަހަރު އެ އަދަދު ވަނީ 464 އަށް އުފުލިފައެވެ.

މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން، ފޭކު އޮންލައިން ފިހާރަތައް އުފައްދައި، އަސްލު ވިޔަފާރިތަކުގެ ވެބްސައިޓްތަކާ އެއްފަދަ ވެބްސައިޓްތައް ހަދައެވެ. އަދި ވެބްސައިޓަކީ އިތުބާރު ހުރި ތަނެއްކަން ދެއްކުމަށްޓަކައި، ފެންވަރު ރަނގަޅު ޑިޒައިންތަކާއި، ވަގަށް ނަގާފައިވާ ފޮޓޯތަކާއި، ދޮގު ކަސްޓަމަރު ރިވިއުތަކުގެ އިތުރުން، ކޮޕީކޮށްފައިވާ ލޯގޯތައް އެމީހުން ބޭނުންކުރެއެވެ. އަދި މީހުން ޝައުގުވެރިކުރުމަށް ތަކެތީގެ އަގު އާދަޔާ ހިލާފަށް ހެޔޮކޮށްފައި ހުރެދާނެއެވެ.

މިފަދަ ސްކޭމްތަކުގައި، އިޝްތިހާރު ކުރި މުދާ ނޫން މުޅިން ތަފާތު މުދަލެއް ފޮނުވައެވެ. ކަސްޓަމަރަކު ވަކި ބްރޭންޑެއްގެ އެއްޗަކަށް އޯޑަރުކޮށްފައި އޮއްވާ، އޭގެ އަގުހެޔޮ ކޮޕީއެއް ފޮނުވަފާނެއެވެ. އަދި އެއަށް ފައިސާ ނެގުމަށްފަހު، އެމީހުން ފިލައެވެ. މިއީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެމީހުންގެ ފައިސާ އަނބުރާ ހޯދުމަށް ދިމާވާ ގޮންޖެހުމަކަށްވެއެވެ.

ސޯޝަލް މީޑިޔާ ބޭނުންކޮށްގެން ހިންގާ ސްކޭމްތައް ވެސް ކަންބޮޑުވާ މިންވަރަކަށް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މި ސްކޭމްތަކުގެ އަދަދު 15 ގައި ހުރި އިރު، މި އަހަރު އެ އަދަދު ވަނީ 109 އަށް އުފުލިފައެވެ. މިއީ 626 އިންސައްތައިގެ އިތުރުވުމެކެވެ.

ސޯޝަލް މީޑިޔާ ސްކޭމްތައް މަކަރުވެރިން ހިންގަނީ، ދޮގު ޕްރޮފައިލްތައް ހަދައިގެނެވެ. އެހެން މީހަކަށް ވެގެން އޮޅުވާލައިގެނެވެ. ބައެއް ފަހަރު ރައްޓެއްސެއްގެ ގޮތުގައެވެ. ނުވަތަ އާއިލާ މެންބަރަކަށް ހެދިގެނެވެ. އަދި އަނެއްބައި ފަހަރު އޮންލައިންކޮށް ތަކެތި ވިއްކާ މީހަކަށް ވެސް އެ މީހުން ހެދެއެވެ. އެމީހުންގެ އެކައުންޓްތަކަކީ އަސްލު އެކައުންޓްތަކެއްކަން ދައްކައި އޮޅުވާލުމުގެ ގޮތުން، ވަގަށް ނަގާފައިވާ ފޮޓޯއާއި މައުލޫމާތު ބޭނުންކުރެއެވެ. އެއާއެކު މީހުންގެ އިތުބާރި ހޯދައި އެމީހުންގެ ފައިސާ އާއި ކާޑުގެ މައުލޫމާތާއި އެހެނިހެން ތަފްސީލުތައް ހޯދައިގަނެއެވެ.

މިފަދަ ސައިބަރ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ގެއްލޭ މުދާ އަނބުރާ ހޯދައިދުމަށް ދިވެހި ފުލުހުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.  މި މަސައްކަތްތަކުގެ ތެރެއިން، 182 މައްސަލައެއްގައި އާންމު ރައްޔިތުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ އިތުރުން، ވައިބަރ، ވަޓްސްއެޕް އަދި ފޭސްބުކް ހިމެނޭހެން، ހެކްކޮށްފައިވާ  120 އެކައުންޓެއް އަނބުރާ ހޯދައިދިނުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެ އިދާރާއިން ހާމަކުރެއެވެ.

އެ އިދާރާއިން ވަނީ، ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކުށްތައް ހުއްޓުވައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މެދުކެނޑުމެއްނެތި މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

އޮންލައިން ވިޔަފާރީގެ ސްކޭމްތަކާއި ސޯޝްލް މީޑިޔާ މެދުވެރިކޮށް ހިންގާ ސްކޭމްތަކުން ރައްކާތެރިވެ ތިބެވޭނީ ހޭލުންތެރިކަން އިތުރުކޮށްގެނެވެ. ހޭލުންތެރިކަން އިތުރުކުރިމަކީ މިފަދަ ކުށްތައް ހުއްޓުވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅުކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ. މިކަމަށްޓަކައި އެ އިދާރާއިން ހިންގި އާންމުން ހޭލުންތެރިކުރުމުގެ ސެޝަންތަކުގައި، ޖުމްލަ 3143 މީހުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި 1972 ދަރިވަރުންނާއި، 743 ބެލެނިވެރިންގެ އިތުރުން، 428 އޮފީސް މުވައްޒަފުން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

އަދި މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. އަދި އަމިއްލަ ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ އެއްވެސް ހާލަތެއްގައި ހިއްސާނުކުރުމަ ސަމާލުވާންޖެހެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭކަމަށް ޝައްކުކުރެވޭ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރަން ވާނެއެވެ. އެއީ ކުށްވެރިން ހޯދުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށް ވާނެއެވެ.

އެހެންކަމުން، ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކުން ރައްކާތެރިވުމަށް ހޭލުންތެރިވުން މުހިންމެވެ. މިއީ ކުށް މަދު މުޖުތަމައެއް ބިނާކުރުމަށް އެޅިގެނަދާނެ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450