ޚަބަރު
ދަރިވަރުންގެ ލޯނާއި ސްކޮލަޝިޕް ފައިސާގެ މައްސަލަ ހައްލުވުމުން ފިރާގްގެ ތައުރީފު ސަރުކާރަށް
އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާގް ފޮޓޯ: ހޮޓެލިއަރ މޯލްޑިވްސް
ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕް ފައިސާ ޖަމާވުން ލަސްވުމުގެ މައްސަލަ ބޮޑުތަނުން ހައްލުކުރެވިފައިވާތީ، އެކަން ފާހަގަކޮށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާގް ސަރުކާރަށް ތައުރީފު ކުރައްވައިފިއެވެ.
މީގެ ދުވަސްތަކެއް ކުރިން ރާއްޖެއިން ބޭރުގައި ކިޔަވަމުންދިޔަ ގިނަ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވުމުގެ ސަބަބުން، ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތަކަށް ބޮޑެތި ތަކުލީފުތަކަކާއި ކަންބޮޑުވުންތަކެއް ކުރިމަތިވިއެވެ. ނަމަވެސް މިއަދު އެ ޝަކުވާތައް އަޑުއިވުން މަދުވެފައިވާތީ، އެއީ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާކަން ފިރާގް ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ، ކަންކަމުގައި މައްސަލަ ދިމާވާއިރު ފާޑުކިޔާ ފަދައިން، އެކަންކަން ރަނގަޅު ކުރުމުން އެ ވާހަކަވެސް ދައްކަންޖެހޭ ކަމަށެވެ. އަދި މިއީ މައްސަލަ ހައްލުކުރުމުގެ ޒިންމާ އުފުލި ފަރާތްތަކުގެ އަގުވަޒަންކުރުން ހައްގު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ބިނާކުރަނިވި ފާޑުކިޔުންތައް މުހިންމު ނަމަވެސް ކުރިއެރުންތައް ގެނައުމުން އެކަމުގެ ކްރެޑިޓް ދިނުމަކީ ވެސް މުހިންމު ކަމެއް،
ފިރާގް
އޭނާ އިތުރަށް ވިދާޅުވީ، ހެޔޮ ނަތީޖާތައް ދެނެގަތުމަކީ ރަނގަޅު ކަންކަން ކުރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން އާންމުންގެ އިތުބާރު ބޮޑުވެ، މުއައްސަސާތަކުން ދޭ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ބާރުއެޅިގެންދާނެ ކަމަށްވެސް ފިރާގް ފާހަގަކުރެއްވިއެވެ.
މައްސަލަތައް ދިމާވާއިރު ވާހަކަ ދައްކާ ފަދައިން އެކަންކަން ބަލާ ރަނގަޅު ކުރުމުން ހަމަ ރަންގަޅު ވާހަކަ ދައްކަން ޖެހެއެވެ. މީގެ ދުވަސް ތަކެއް ކުރިން ސްކޮލަޝިޕާއި ސްޓޫޑެންޓް ލޯނުން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވެފައިވާ ކަމާ ދަތި ކަންކަން…
— Mohamed Firaq (@mohamedfiraq) August 3, 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ބޭރު ގައުމުތަކުގައި ކިޔަވާ ކުދިންނަށް ބޭނުންވާ ފައިސާ ގަވާއިދުން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެމުންނެވެ.