ދުނިޔެ
ގާތުންދިނުމުގައި މައިންނަށް ބޭނުންވާ އެހީތެރިކަމާއި ހިމާޔަތް އިތުރުކުރުމަށް އިލްތިމާސްކޮށްފި
ސޫދާންގެ ކޭމްޕެއްގައި އަންހެނަކު ތުއްތު ދަރިފުޅު އުރާލައިގެން ފޮޓޯ: ޔުނިސެފް
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި ޔުނިސެފް ގުޅިގެން ނެރުނު ބަޔާނެއްގައި، ތުއްތު ކުދިންނަށް ގާތުންކިރު ދިނުމުގައި މައިންނަށް ބޭނުންވާ އެހީތެރިކަމާއި ހިމާޔަތް އިތުރުކުރުމަށް ދުނިޔޭގެ ގައުމުތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި އިލްތިމާސް ނެރެފައިވަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓް 1 އިން 7 އަށް ފާހަގަކުރާ ދުނިޔޭގެ ގާތުންދިނުމުގެ ހަފްތާއާ ގުޅުވައިގެންނެވެ. މިއަހަރުގެ މި ހަފްތާއަށް ކަނޑައަޅާފައިވާ ޝިއާރަކީ "ދެމެހެއްޓެނިވި ފެށުމަކަށް ގާތުންދިނުން: ކާމިޔާބު މަސައްކަތްތައް ވަރުގަދަކުރުން" މިއެވެ.
ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ކެތަރިން ރަސެލް އަދި ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް ވިދާޅުވީ، ގާތުންކިރު ދިނުމަކީ ކުއްޖާގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭނެ އެންމެ ފަސޭހަ، ނަމަވެސް އެންމެ ބާރުގަދަ ކަންތައް ކަމަށެވެ. މީގެ ސަބަބުން ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަވެ، ބަލިތަކުން ރައްކާތެރިކޮށްދީ، ސިކުނޑި ހެދިބޮޑުވުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، ގާތުންދޭ މަންމަވަންނަށް އުރަމަތީގެ ކެންސަރާއި، ހަކުރުބަލީގެ ބާވަތްތަކުން ރައްކާތެރިވުމަށް މަގުފަހިވެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ގާތުންކިރުދިނުން ފުޅާކޮށްފިނަމަ، އަހަރަކު ގާތްގަނޑަކަށް 400،000 ކުދިންގެ ފުރާނަ އާއި 140،000 މަންމަވަރުގެ ފުރާނަ ސަލާމަތްކުރެވޭނެއެވެ. ޑަބްލިއު.އެޗް.އޯ އިން އިރުޝާދު ދެނީ ކުއްޖާ އުފަންވާތާ ފުރަތަމަ ގަޑިއިރު ތެރޭގައި ގާތުންދޭން ފެށުމަށާއި، ފުރަތަމަ 6 މަސްދުވަހު ހަމައެކަނި ގާތުންކިރު ދިނުމަށެވެ. އަދި 6 މަސް ފުރުުމުން އެހެން ކާނާއާ އެކު 2 އަހަރުވަންދެން ގާތުންދިނުން ކުރިއަށް ގެންދިއުމަށް ބާރުއަޅައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2012 ވަނަ އަހަރު ފުރަތަމަ 6 މަހު ހަމައެކަނި ގާތުންކިރުދޭ މިންވަރު ހުރީ 37 އިންސައްތައިގައެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 47 އިންސައްތައަށް އުފުލިފައެވެ. އެހެންނަމަވެސް، މިއީ ދުނިޔޭގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެކަށީގެންވާ ބާރުމިނެއް ނޫންކަމަށް އދ. އިން ފާހަގަކުރެއެވެ.
މިކަމަށްޓަކައި ސިއްހީ ނިޒާމުތަކުގެ ތެރެއިން މައިންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ވަޒީފާގެ މާހައުލުގައި ވިހެއުމާ ގުޅިގެންދޭ ޗުއްޓީ އާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އދ. އިން ވަނީ ގައުމުތަކަށް ގޮވާލާފައެވެ. އަދި ކުޑަކުދިންނަށް ދޭ ހިކިކިރާއި ދިޔާކިރުގެ އެކިބާވަތްތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ އެދިފައެވެ.
އިގްތިސާދީ ގޮތުން ބަލާއިރުވެސް، ގާތުންކިރުދިނުން ކުރިއެރުވުމަށް ހޭދަކުރާ ކޮންމެ ޑޮލަރަކުން، ސިއްހީ ޚަރަދުތައް ކުޑަވުމާއި އުފެއްދުންތެރިކަން އިތުރުވުމުގެ ސަބަބުން 59 ޑޮލަރުގެ ފައިދާ ގައުމަކަށް ލިބިގެންދާނެ ކަމަށް އދ.ގެ އިދާރާތަކުން ބުނެއެވެ.