ޚަބަރު
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މެޑިކޭޝަން ސޭފްޓީ ޖެކެޓު ތައާރަފްކޮށްފި
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މެޑިކޭޝަން ސޭފްޓީ ޖެކެޓު ތައާރަފްކުރުން / ފޮޓޯ: އޭއީއެޗް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބަލި މީހުންނަށް ދެވޭ ފަރުވާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން "މެޑިކޭޝަން ސޭފްޓީ ޖެކެޓް" ތައާރަފްކޮށްފިއެވެ. މިއީ ރާއްޖޭގެ ހޮސްޕިޓަލެއްގައި މިފަދަ ޖެކެޓެއް ބޭނުންކުރަން ފެށި ފުރަތަމަ ފަހަރެވެ.
އޭއީއެޗްއިން މައުލޫމާތު ދެއްވާ ގޮތުގައި، މިއީ ބައިނަލްއަޤުވާމީ މިންގަނޑަށް ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ކަންކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ހޮސްޕިޓަލުން ދަނީ ބަލި މީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށްޓަކައި ތަފާތު އައު ކަންކަން ތައާރަފްކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންތަވިއުއެއްގައި އޭއީއެޗްއިން ބުނީ، މި ޖެކެޓު ބޭނުންކުރާނީ ބަލި މީހުންނަށް ބޭސް ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ނަރުހުންނެވެ. މި ޖެކެޓުގެ މައިގަނޑު ބޭނުމަކީ، ބަލި މީހުންނަށް ބޭސް ތައްޔާރުކުރުމާއި ބޭސް ދިނުމުގެ ވަގުތުގައި، ނަރުހުން އެ ތިބީ އެ މަސައްކަތުގައިކަން އެހެން މީހުންނަށް އަންގައިދިނުމެވެ.
މީގެ ސަބަބުން، ނަރުހުން ބޭސް ތައްޔާރުކުރާ ވަގުތު އެހެން ފަރާތްތަކުން އެހީއަށް އެދި ގޮވުމާއި، ނަރުހުންގެ ސަމާލުކަން ގެއްލޭ ފަދަ ކަންކަމުން ދުރުހެލިކުރެވޭނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މި އުސޫލަށް އަމަލުކުރަމުންދަނީ، ބޭސް ދިނުމުގައި ނަރުހުންގެ ސަމާލުކަން ކުޑަވުމަކީ ބަލި މީހާގެ ރައްކާތެރިކަމަށް އޮތް ނުރައްކަލަކަށް ވާތީއެވެ.
މި ބަދަލާއެކު، އޭއީއެޗްގައި ބޭސް ތައްޔާރުކުރުމަށް ނަރުހުން ހަރަކާތްތެރިވާ ސަރަޙައްދުތަކަކީ "ނޯ އިންޓަރރަޕްޝަން ޒޯން"ގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ބޭހާއި ގުޅޭ އަދި ބަލި މީހުންގެ ރައްކާތެރިކަމާ ގުޅުންހުރި ކަންކަމުގައި މަޝްވަރާކޮށް ގޮތް ނިންމުމަށްޓަކައި، އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭ "މަލްޓި ޑިސިޕްލިނަރީ މެޑިކޭޝަން ކޮމިޓީ" އެއްވެސް އެ ހޮސްޕިޓަލުން ވަނީ އެކުލަވާލާފައެވެ. މި ކޮމިޓީގެ ދަށުން ކުރިއަށް އޮތް އަހަރަށް ޚާއްޞަ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއްގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރަމުންދާނެ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކުރެއެވެ.