ޚަބަރު
ގައްޒާގެ ސިއްޙީ ނިޒާމު ހަލާކުކޮށްލުމަށް ދޭ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ގައްޒާގެ ސިއްހީ ހިދުމަތްދޭ ތަނަކަށް ހަމަލާދީފައި---
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި، ވަކިން ހާއްސަކޮށް ސިއްޙީ ނިޒާމު ހަލާކުކޮށްލުމަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމު ރައްޔިތުންނަށާއި، ހޮސްޕިޓަލްތަކާއި، ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން ކުށެއްނެތް އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަން، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ޝަހީދުވަމުންދާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި، ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމްކުރުމަށް އިސްރާއީލަށް ގޮވާލާފައެވެ. އަދި އިސްރާއީލުން ތަކުރާރުކޮށް ގާނޫނުތަކާ ޚިލާފުވަމުންދިއުމަކީ މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމުގައިވެސް ސަރުކާރުން ބުނެފައިވެއެވެ.
މީގެ އިތުރުން، ގައްޒާގެ އާންމު ރައްޔިތުންނާއި، ސިއްޙީ މަރުކަޒުތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި އެއްވެސް ހުރަހެއް ނެތި، ރައްކާތެރިކަމާއެކު ގައްޒާގެ ހުރިހާ ސަރަހައްދަކަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށްވެސް މި ބަޔާނުގައި ރާއްޖެއިން ވަނީ ބާރުއަޅާފައެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މިކަމުގައި ވަގުތުން ފިޔަވަޅު އަޅައި، ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްވެސް ރާއްޖޭގެ ބަޔާނުގައި ގޮވާލާފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ދެމުންދާ އެއްބާރުލުން ތަކުރާރުކުރަމުން ސަރުކާރުން ބުނީ، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމަށެވެ.