ދުނިޔެ

އީރާން ހަނގުރާމައާ ގުޅިގެން ތެޔޮ ކުންފުނިތަކަށް ރެކޯޑް އަދަދަކަށް ފައިދާ ލިބެން ފަށައިފި

އީރާން ހަނގުރާމައާ ގުޅިގެން ތެޔޮ ކުންފުނިތަކަށް ރެކޯޑް އަދަދަކަށް ފައިދާ ލިބެން ފަށައިފި

އީރާން ހަނގުރާމައާ ގުޅިގެން ތެޔޮ ކުންފުނިތަކަށް ފައިދާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޯގަސްޓު 2026، 09:30

04 އޯގަސްޓު 2026، 09:30

މެދުއިރުމަތީގެ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ ބޮޑެތި ތެޔޮ ކުންފުނިތަކުން ރެކޯޑް އަދަދަކަށް ފައިދާ ހޯދަމުންދާކަން ހާމަވެއްޖެއެވެ.

އީރާން ހަނގުރާމައިގެ ސަބަބުން އުފެދުނު ނުތަނަވަސްކަމާއެކު އެކްސޮންމޯބިލް، ޝެވްރޮން، ޝެލް އަދި ބީޕީ ފަދަ ކުންފުނިތަކުން ވަނީ ބިލިއަނުން ފައިދާ ހޯދާފައެވެ.

އެމެރިކާގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ އެކްސޮންމޯބިލް އިން ދެވަނަ ކުއާޓަރުގައި 14.5 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައިވާއިރު، މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާއެވެ. ޝެވްރޮން އިން 12 ބިލިއަން ޑޮލަރުގެ ފައިދާއެއް ރިޕޯޓްކޮށްފައިވާއިރު، މިއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. މީގެ އިތުރުން ޔޫރަޕްގެ ޝެލް ކުންފުނީގެ ފައިދާ ވަނީ ދެގުނައަށް އިތުރުވެ 10 ބިލިއަން ޑޮލަރަށް އަރާފައެވެ.

ސައުދީ އަރަމްކޯއަށް ވެސް މި ދަނޑިވަޅުގައި ބޮޑު ފައިދާއެއް ލިބިފައިވެއެވެ. އެ ކުންފުނީގެ ފައިދާ 44 އިންސައްތަ އިތުރުވެ 32.69 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ފައިދާ ބޮޑުވެފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކާ ދުރުގައި ތެޔޮ އުފައްދާ ކުންފުނިތަކަށް ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ފައިދާ ކުރާތީއެވެ.

ތެޔޮ ކުންފުނިތަކަށް ބޮޑު ފައިދާއެއް ލިބެމުންދާއިރު، އާންމު ރައްޔިތުންނަށް ތެލުގެ އަގު އުފުލުމުގެ ތަކުލީފު ވަނީ ބޮޑުވެފައެވެ. އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު ހަނގުރާމައިގެ ކުރިއާ އަޅާބަލާއިރު 40 އިންސައްތަ ވަނީ އުފުލިފައެވެ. އިނގިރޭސިވިލާތުގައި ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައެވެ.

ތެޔޮ ކުންފުނިތަކުން ހޯދަމުންދާ ބޮޑު ފައިދާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ނުރުހުންވެ، އެ ކުންފުނިތަކަށް ފާޑުކިޔައިފައެވެ. ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ "އެކްސޮންމޯބިލް އާއި ޝެވްރޮން ފަދަ ކުންފުނިތަކުން ތެލުގެ ދަތިކަމުގެ ނާޖާއިޒު ފައިދާ ނަގައި މާ ބޮޑު ފައިދާއެއް ހޯދަމުންދާ" ކަމަށެވެ.

ޓްރަމްޕް އިތުރަށް ބުނީ އެ ކުންފުނިތަކުން ލިބޭ ފައިދާގެ ބައެއް އާންމުންނަށް އަނބުރާ ދޭންޖެހޭ ކަމަށާއި، ބާޒާރުގައި ތެޔޮ ވިއްކާ އަގު ވަގުތުން ހެޔޮކުރަން ޖެހޭ ކަމަށެވެ. އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި ހޮރްމޫޒް ކަނޑުއޮޅި އަވަހަށް ހުޅުވިގެން ނުދާނަމަ، ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ އިގްތިސާދަށް އިތުރު ހީނަރުކަމެއް އައުން އެކަށީގެންވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450