ދުނިޔެ

އިސްރާއިލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ 4000 އަށްވުރެ ގިނަ ފަހަރު ޚިލާފުވެއްޖެ

އިސްރާއިލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ 4000 އަށްވުރެ ގިނަ ފަހަރު ޚިލާފުވެއްޖެ

އިސްރާއިލުން ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ފޭލިގެތަކަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޯގަސްޓު 2026، 09:36

04 އޯގަސްޓު 2026، 09:36

އެމެރިކާގެ ތާއީދާއެކު ޣައްޒާގައި ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއިލުން 4،000 އަށްވުރެ ގިނަ ފަހަރު ޚިލާފުވެފައިވާ ކަމަށާއި، މި މުއްދަތުގެ ތެރޭގައި 1،250 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފިއެވެ.

އޮކްޓޫބަރު 10 އިން ފެށިގެން އަމަލުކުރަން ފެށި މި އެއްބަސްވުމާ އިސްރާއިލުން ދަނީ ކޮންމެ ދުވަހަކުވެސް އެވްރެޖްކޮށް 13.4 ފަހަރު ޚިލާފުވަމުންނެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރު ޖެނެރަލް އިސްމާއިލް އަލް-ޘަވާބްތާ ވިދާޅުވި ގޮތުގައި، އިސްރާއިލްގެ ހަމަލާތަކުގައި މިހާތަނަށް 1،252 މީހުން ޝަހީދުވެ، 4،120 މީހުން ވަނީ ޒަޚަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 300 އަށްވުރެ ގިނަ ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. އެންމެ ގިނަ ބަޔަކު ޝަހީދުވެފައިވަނީ ޖުލައި މަހުގައެވެ. އެ މަހު އެކަނިވެސް 152 މީހުން ވަނީ ޝަހީދުވެފައެވެ.

އިސްރާއިލުން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ހުރަސް އަޅަމުންނެވެ. އެއްބަސްވުމުގައިވާ ގޮތުން ދުވާލަކު 600 ލޮރީގެ އެހީ ވައްދަން ޖެހުނު ނަމަވެސް، އިސްރާއިލުން ދަނީ މި އަދަދުތަކާ މެދު އޮޅުވާލަމުންނެވެ. ވަކިން ހާއްސަކޮށް ތެޔޮ އެތެރެކުރުމަށް ހުރަސްއަޅަމުންދާއިރު، އެތެރެކުރެވެނީ ބޭނުންވާ މިންވަރުގެ އެންމެ 15 އިންސައްތައެވެ. މީގެ އިތުރުން ފޭލިގެއާއި ވަގުތީ ހިޔާ ފަދަ ޒަރޫރީ ތަކެތި އެތެރެކުރުންވެސް ވަނީ ހުއްޓުވާފައެވެ.

ޣައްޒާގެ ސިއްހީ ނިޒާމު މުޅިން ސުންނާފަތިވެފައިވާއިރު، ކެންސަރު ބަލީގެ 11،000 އެއްހާ ބަލިމީހުންގެ ފުރާނަ ވަނީ ނުރައްކަލުގެ ތެރޭގައެވެ. ކެންސަރު ސެންޓަރުގެ މެޑިކަލް ޑިރެކްޓަރު ޑރ. މުހައްމަދު އަބޫ ނަދާ ވިދާޅުވީ، ބޭހާއި ފަރުވާ ނުލިބުމުގެ ސަބަބުން ކޮންމެ ދުވަހަކު އެވްރެޖްކޮށް 3 ބަލިމީހުން މަރުވަމުންދާ ކަމަށެވެ. އަދި ރޭޑިއޯތެރަޕީ ފަދަ ފަރުވާތައް ނުލިބުމުގެ ސަބަބުން، ކުރީކޮޅު ބަލި ދެނެގަނެވޭ މީހުންގެވެސް ގުނަވަންތައް މުޅިން ވަކިކުރަން ޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާ ޓާކް ވަނީ އިސްރާއިލްގެ މި އަމަލުތައް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ އިސްރާއިލުން ހުއްޓުމެއްނެތި ހިންގަމުންދާ ގަތުލުއާންމުން ދޭހަކޮށްދެނީ އެ ގައުމަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވެވޭނެ ކަމުގެ އިހުސާސް އޮތް މިންވަރު ކަމަށެވެ. ޑޮކްޓާސް ވިތައުޓް ބޯޑާސް (MSF) އިން ބުނި ގޮތުގައި "މިއީ ހަނގުރާމަ ހުއްޓާލުމެއް ނޫނެވެ." އަދި ފަލަސްތީނު ރައްޔިތުން ކޮންމެ ދުވަހަކު މަރުވަމުންދާ މަންޒަރު ބަލަން ދުނިޔެ އާދަވެފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ސިއްހީ ވުޒާރާއިން އިންޒާރު ދޭ ގޮތުގައި، މިހާރުން މިހާރަށް ބަލިމީހުން ބޭރަށް ފޮނުވުމުގެ ފުރުސަތު ނުދީފިނަމަ މަރުވާ މީހުންގެ އަދަދު އިތުރުވާނެއެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (WHO) އިން ބުނާ ގޮތުގައި 18،500 އަށްވުރެ ގިނަ ބަލިމީހުން ޣައްޒާއިން ބޭރަށް ފޮނުވަން ޖެހެއެވެ. ނަމަވެސް އިސްރާއިލުން ބޯޑަރުތައް ބަންދުކޮށްފައިވުމުގެ ސަބަބުން ކޮންމެ ދުވަހަކު 6 އާއި 10 އާ ދެމެދުގެ އަދަދަކަށް ބަލިމީހުން ފަރުވާ ނުލިބި މަރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450