ދުނިޔެ
އިސްރާއީލާއި ލުބުނާނުގެ މަޝްވަރާތަކުގެ ހަތްވަނަ ބުރު ރޯމްގައި ފަށައިފި
އިސްރާއިލުން ލުބްނާނަށް ދިން ހަމަލާއެއްގެ ސަބަބުން ދުން އަރަނީ
އިސްރާއީލާއި ލުބުނާނާ ދެމެދު އެމެރިކާ މެދުވެރިވެގެން ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ހަތްވަނަ ބުރު އިޓަލީގެ ވެރިރަށް ރޯމްގައި ފަށައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ލުބުނާނުގެ ދެކުނުގައި "ޕައިލެޓް ޒޯންތަކެއް" ކަނޑައަޅައި، އެ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފޭބުމަށްފަހު ލުބުނާނުގެ އަސްކަރިއްޔާއާ ސަލާމަތީ ކަންކަން ހަވާލުކުރުމެވެ.
މި މަޝްވަރާތަކުގައި ދެ ގައުމުގެ ސިޔާސީ އަދި އަސްކަރީ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ލުބުނާނުގެ ވަފުދުގައި އިސްކޮށް ހިމެނިވަޑައިގަންނަވަނީ އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ކުރީގެ ސަފީރު ސައިމަން ކަރަމް އާއި މިހާރުގެ ސަފީރު ނަދާ މުއައްވަދެވެ. އަދި އަސްކަރީ ވަފުދުގައި ބްރިގޭޑިއާ ޖެނެރަލް ޖޯޖް ރިޒްގަﷲ އިސްކޮށް ހުންނަވާއިރު، އިސްރާއީލުގެ ފަރާތުން ވެސް އަސްކަރީ މަންދޫބުން ބައިވެރިވެއެވެ.
މި ބުރުގައި ލުބުނާނުން ހުށަހަޅާނީ އިސްރާއީލު ސިފައިން ފޭބުމަށް އާ ޕައިލެޓް ސަރަހައްދުތަކެއް ކަނޑައެޅުމަށެވެ. މީގެ ތެރޭގައި ލިޓާނީ ކޯރުގެ ދެކުނުން އޮންނަ ބިންތު ޖުބައިލް ނުވަތަ ޚިޔާމް ހިމެނުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ކުރީގެ ބުރުގައި އެއްބަސްވި ޒައުތަރު އަލް-ޣަރްބިއްޔާގައި ލުބުނާނު ސިފައިން ރުކުރުވާލާނެ ގޮތުގެ ޗާޓުތަކާއި ލިޔެކިޔުންތައް ވެސް ހުށަހަޅާނެއެވެ.
ޖޫން 26 ގައި އެމެރިކާ މެދުވެރިވެގެން އެކުލަވާލި އޮނިގަނޑުގެ ދަށުން، ހިޒްބުﷲ ޖަމާއަތް ހަތިޔާރު އެޅުން ހުއްޓާލުމުގެ ބަދަލުގައި އިސްރާއީލުން ހިފާފައިވާ ލުބުނާނުގެ ބިންތަކުން ފޭބުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ "ހިޒްބުﷲ އިން ހަތިޔާރު ނައްތާލައި، އިސްރާއީލަށް އޮތް ނުރައްކާ ކެނޑެންދެން ބަފަރ ޒޯންގައި އިސްރާއީލު ސިފައިން ދެމިތިބޭނެ" ކަމަށެވެ.
މިދިޔަ މާރިޗު މަހުން ފެށިގެން ކުރިއަށްދާ ހަނގުރާމައިގައި އިސްރާއީލުން ވަނީ ލުބުނާނުގެ ފަސްބައިކުޅަ އެއްބައި ބިން ހިފާފައެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް 4،000 އަށްވުރެ ގިނަ މީހުން މަރުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. މަޝްވަރާތައް ކުރިއަށްދާއިރު ވެސް، އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ފޮސްފަރަސް ބޮން އަޅައި ހަމަލާތައް ދެމުންނެވެ.
ހިޒްބުﷲ އަކީ މި މަޝްވަރާތަކުގައި ސީދާ ބައިވެރިވާ ފަރާތެއް ނޫނެވެ. އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ނައީމް ގާސިމް ވަނީ މި މަޝްވަރާތަކަކީ ބޭކާރު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނަމަވެސް، ލިޓާނީ ކޯރުގެ ދެކުނުގައި ލުބުނާނުގެ ގައުމީ އަސްކަރިއްޔާ ރުކުރުވާލުމަށް އެ ޖަމާއަތުން ތާއީދުކުރެއެވެ. ލުބުނާނުގެ ސަރުކާރުން ބުނަމުންދަނީ މިހާރުގެ ހާލަތަކީ ކުރިން އެއްބަސްވި އޮނިގަނޑާ އެއްގޮތަށް ކުރިއަށްދާ ކަންކަން ނޫން ކަމަށެވެ.