ދުނިޔެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ދެއްވަން އުޅުއްވާ ތަޤުރީރާ އިންޑިއާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ދެއްވަން އުޅުއްވާ ތަޤުރީރާ އިންޑިއާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޯގަސްޓު 2026، 01:03

05 އޯގަސްޓު 2026، 01:03

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، އެކަމަނާގެ ސަރުކާރު ވައްޓާލި ހަރަކާތަށް ދެ އަހަރު ފުރުމާ ދިމާކޮށް ދެއްވުމަށް ހަމަޖެހިފައިވާ ވަރޗުއަލް ތަޤުރީރު އިންތިޒާމުކުރުމުގައި އިންޑިއާ ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށް އެ ޤައުމުން ބުނެފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް އަންގާރަ ދުވަހު ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ ހަރަކާތަކީ އަމިއްލަ މީޑިއާ އިދާރާއަކުން އިންތިޒާމުކުރާ ކަމެއް ކަމަށާއި، އެ ފޯރަމްގައި ފާޅުކުރާ އެއްވެސް ޚިޔާލަކަށް އިންޑިއާ ސަރުކާރުން ތާއީދު ނުކުރާ ކަމަށެވެ.

2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ހިންގި މުޒާހަރާތަކާ ގުޅިގެން މަޤާމުން ދުރުވި ހަސީނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގައެވެ. 2025 ވަނަ އަހަރު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ކުށުގައި އެކަމަނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. ނަމަވެސް ހަސީނާ ވަނީ އެ ހުކުމަކީ ޤާނޫނީ ގޮތުން ބާތިލު ހުކުމެއް ކަމަށް ވިދާޅުވެފައެވެ. ބުދަ ދުވަހު ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް އޮފް ސައުތު އޭޝިއާއިން އިންތިޒާމުކުރާ މި ހަރަކާތަކީ ޤައުމުން ފިއްލެވި ފަހުން ހަސީނާ އާންމުންނާ މުޚާތަބު ކުރައްވާ ފުރަތަމަ ފަހަރެވެ.

ބަންގްލަދޭޝް ސަރުކާރުން ވަނީ ހަސީނާގެ މި ތަޤުރީރާ ގުޅޭގޮތުން އިންޑިއާގެ ރަސްމީ ސިޔާސަތު ސާފުކޮށްދިނުމަށް އެދިފައެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަހްމާންގެ އެޑްވައިޒަރ އެމް ހުމާޔޫން ކަބީރު ވިދާޅުވީ، އިންޑިއާގެ ބިން ބޭނުންކޮށްގެން ބަންގްލަދޭޝްގައި ހަމަނުޖެހުން އުފެއްދުމަށް ހަސީނާ ނުވަތަ އަވާމީ ލީގުގެ އެއްވެސް ލީޑަރަކު ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތު ދިނުމަކީ ދެ ޤައުމުގެ ގުޅުމަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށެވެ. "ފިލައިގެން އުޅޭ ޝައިޚް ހަސީނާ ހިމެނޭހެން، މަނާކޮށްފައިވާ ޖަމިއްޔާތަކުގެ އެއްވެސް މީހަކަށް އިންޑިއާގެ ބިން ބޭނުންކޮށްގެން ސިޔާސީ ބަޔާންތައް ދިނުމަށް ފުރުސަތު ނުދިނުމަށް ބަންގްލަދޭޝް އުންމީދުކުރޭ،" ކަބީރު ވިދާޅުވިއެވެ.

މި ހަރަކާތާ ދިމާކޮށް ބަންގްލަދޭޝް ސަރުކާރުން ވަނީ އެ ޤައުމުގެ މީޑިއާތަކުން ހަސީނާގެ ތަޤުރީރު ދެއްކުން މަނާކޮށްފައެވެ. ބޮޑުވަޒީރުގެ އިންފޮމޭޝަން އެޑްވައިޒަރ ޒާހިދު އުރު ރަހްމާން ވިދާޅުވީ ހަސީނާގެ ބަޔާންތަކާއި އިންޓަވިއުތައް ބަންގްލަދޭޝްގައި ބްރޯޑްކާސްޓް ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ. ނަމަވެސް ހަސީނާގެ އަވާމީ ލީގުން ވަނީ މިއީ ނޫސްވެރިންނަށް ބިރުދެއްކުމުގެ އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.

މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް، ހަސީނާގެ އެހީތެރިއެއް ކަމަށްވާ އަބޫ އުބައިދާ އަރީން ވިދާޅުވީ ރޭވިފައިވާ ގޮތަށް ހަރަކާތް ކުރިއަށްދާނެ ކަމަށެވެ. އަދި ބަންގްލަދޭޝްގެ ބޯޑަރުން ބޭރުގައި ހުންނަ އަޑުތައް ކަނޑުވާލުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަސީނާ މީގެ ކުރިން ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އަންނަ ޑިސެމްބަރު މަހު އެކަމަނާ އެނބުރި ޤައުމަށް ވަޑައިގެން ކޯޓަށް ހާޒިރުވާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450