ޚަބަރު
އެމްއެމްއޭގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އެމްއެމްއޭ ގެ އޮފީސް. ފޮޓޯ: ސަން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހި ދަރިވަރުންނަށާއި ދަސްވެނިންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއީ މަރުކަޒީ ބޭންކުގެ މަސައްކަތްތަކާއި މާލީ ދާއިރާގެ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ރަނގަޅު ފުރުސަތެކެވެ.
މި ފަހަރުގެ އިންޓާންޝިޕް ޕްރޮގްރާމުގައި ޖުމްލަ 10 ފުރުސަތު ހުޅުވާލާފައިވާއިރު، މިއީ އޯލެވެލް، އޭލެވެލް، ޑިގްރީ ނުވަތަ މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް 2 ހަފުތާއާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ. އިންޓާންޝިޕަށް ހޮވޭ ފަރާތްތަކުގެ މަސައްކަތު ގަޑިއަކީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށް ބަލައި އުޖޫރަ ވަނީ ކަނޑައަޅާފައެވެ. އެގޮތުން އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ފަރާތްތަކަށް 8،000 ރުފިޔާ، ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް 9،000 ރުފިޔާ، އަދި މާސްޓާސް ހަދާފައިވާ ފަރާތްތަކަށް 10،000 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ.
މި ޕްރޮގްރާމުގެ ދަށުން އިކޮނޮމިކްސް، އައިޓީ، މީޑިއާ އެންޑް ކޮމިއުނިކޭޝަން، ލީގަލް، ބޭންކިން، އެކައުންޓިން އަދި އެޑްމިނިސްޓްރޭޝަން ފަދަ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 13 ވަނަ ދުވަހެވެ. ކުރިމަތިލާ ފަރާތްތަކުން ސަރުކާރުގެ ކެރިއަރ ޕޯޓަލް (careers.gov.mv) މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހޭނެއެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ވަނަވަރު (CV) އާއި ތަޢުލީމީ ސެޓުފިކެޓުތައް ހިމެނެއެވެ. އަދި 18 އަހަރު ނުފުރޭ ކުދިންނަށް ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ބޭނުންވާނެއެވެ.
އެމްއެމްއޭއިން ވިދާޅުވީ ޕްރޮގްރާމަށް ޝޯޓްލިސްޓް ކުރާ ފަރާތްތައް ހޮވުމުގައި މާލީ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި، ލީޑަރޝިޕް ހުނަރާއި، މުއާމަލާތް ކުރުމުގެ ޤާބިލުކަމަށް ބަލާނެ ކަމަށެވެ.