ސައިންސް / ދުނިޔެ
ސްޕޭސް އެކްސް ރޮކެޓެއްގެ ބޮޑު ބައެއް ހަނދަށް ވެއްޓިއްޖެ
ފްލޮރިޑާގެ ކޭޕް ކެނެވެރަލްގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުގެ ޕެޑް 39A އިން، ހަނދަށް ތިރިކުރާ ދެ އުޅަނދާއެކު ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓެއް އުދުއްސާލުން. ފޮޓޯ: އޭޕީ
ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓަކުން ވަކިވި، ސްކޫލް ބަހެއްގެ ބޮޑުމިން ހުރި ހަތަރު ޓަނުގެ ދަގަނޑު ބުރިއެއް ހަނދުގެ ސަތަހައަށް ވެއްޓިއްޖެއެވެ.
މި ހާދިސާގެ ސަބަބުން ހަނދުގައި އާ ވަޅުގަނޑެއް އުފެދިފައިވާއިރު، މިއީ ބާރުމިނުގައި ހަނދަށް އެއްޗެހި ވެއްޓުމުން ވާގޮތް ދިރާސާކުރުމަށް ސައިންސްވެރިންނަށް ލިބުނު ފުރުސަތެއް ވެސް މެއެވެ.
މި އެތިގަނޑަކީ 2025 ވަނަ އަހަރުގެ ކުރީކޮޅު އުދުއްސާލި ފެލްކަން 9 ރޮކެޓެއްގެ ދެވަނަ ސްޓޭޖެވެ. މިނިވަން ފަލަކީ މާހިރުންނާއި ޖައްވީ އިދާރާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މި އެތިގަނޑު ހަނދުގެ އައިންސްޓައިން ކްރޭޓަރ ކައިރިއަށް ވެއްޓިފައިވަނީ ބުދަ ދުވަހުގެ ކުރީކޮޅު ގަޑިއަކު 8,700 ކިލޯމީޓަރުގެ ބާރުމިނުގައެވެ. މިއީ ގާތްގަނޑަކަށް ތިން ޓަނުގެ ޓީ.އެން.ޓީ ގޮއްވާލުމުން އުފެދޭނެ ފަދަ ބާރުގަދަ އެއްޗެކެވެ.
ސްޕޭސް އެކްސްގެ ނާސާ ސައިންސް އެންޑް ޑްރެގަން ޕްރޮގްރާމްގެ ޑައިރެކްޓަރު ޖޫލިއާނާ ޝައިމަން ވިދާޅުވީ، އިރުގެ ހަރަކާތްތަކާއި ދަމާބާރުގެ ސަބަބުން މި ރޮކެޓް ބައި ހަނދާ ދިމާލަށް ދަތުރުކުރަން މެދުވެރިވީ ކަމަށެވެ. ސްޕޭސް އެކްސްއިން ބުނިގޮތުގައި މިއީ ގަސްދުގައި ކުރި ކަމެއް ނޫން ނަމަވެސް، ރޮކެޓްގައި ހުރި ތެލުގެ މިންވަރަށް ބަލާއިރު މިއީ ހުއްޓުވޭނެ ކަމެއް ނޫނެވެ.
ނާސާގެ ލޫނާ ރިކޮނައިސަންސް އޯބިޓަރ (LRO) އާއި ދެކުނު ކޮރެއާގެ ދަނޫރީ އުޅަނދުން ދަނީ މި ހާދިސާ ހިނގި ސަރަހައްދު ބަލަމުންނެވެ. މި އުޅަނދުތަކުން ހަނދުގެ ސަތަހައިން ބޭރުވި ހިރަފުސްތައް ދިރާސާކޮށް، އާ ވަޅުގަނޑު އުފެދުމުގެ ކުރިންނާއި ފަހުން ނަގާފައިވާ މަތީ ފެންވަރުގެ ފޮޓޯތައް ދިރާސާކުރާނެއެވެ.
ޖައްވީ ތަކެތި ޓްރެކްކުރާ މާހިރެއް ކަމަށްވާ ބިލް ގްރޭ އޭޕީ ނިއުސް އެޖެންސީއަށް ބުނީ، "މީގެން ވަގުތުން ކުރިމަތިވާނެ ނުރައްކަލެއް ނެތް ނަމަވެސް، މިއީ ޖައްވަށް ދޫކޮށްލާ ތަކެތި ނައްތާލުމުގައި ހުރި ފަރުވާކުޑަކަން ހާމަކޮށްދޭ ކަމެއް" ކަމަށެވެ. އަދި ޖައްވުގެ ތެރޭގައި މިފަދަ ތަކެތި ގިނަވަމުންދާކަން އޭނާ ފާހަގަކުރިއެވެ.
މިއީ ބޭނުންކޮށްފައި ދޫކޮށްލި ރޮކެޓެއްގެ ބައެއް އޮޅުމަކުން ހަނދަށް ވެއްޓުނުކަން އެނގުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2022 ވަނަ އަހަރު ޗައިނާގެ ރޮކެޓެއްގެ ބައެއް ވަނީ ހަނދުގެ ފަހަތު ފަރާތަށް ވެއްޓި، އާދަޔާ ހިލާފު ދެބައި ހިމެނޭ ވަޅުގަނޑެއް އުފެދިފައެވެ.