ދުނިޔެ
ޣައްޒާގެ ބާޒާރުތަކަށް މުދާ ލިބުނު ނަމަވެސް، ތަކެތި ގަތުމުގެ ތަނަވަސްކަމެއް ރައްޔިތުންގެ ކިބަޔަކު ނެތް
ޣައްޒާގެ ސުޕަރ މާކެޓެއް. ފޮޓޯ:އަލްޖަޒީރާ
އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން މުދާ ލިބުން ދަތިވެފައި އޮތުމަށްފަހު، މިހާރު ބާޒާރުތަކަށް ބައެއް ބާވަތްތަކުގެ މުދާ ލިބެން ފަށާފައިވީ ނަމަވެސް، އެ ތަކެތި ގަތުމުގެ މާލީ ގާބިލުކަން ޣައްޒާގެ ގިނަ އާއިލާތަކުގައި ނެތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ހަނގުރާމައިގެ ސަބަބުން އިގްތިސާދު އިނދަޖެހި، ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވުމުން، ބާޒާރުގައި ތަކެތި ހުރި ނަމަވެސް އާންމުންނަށް އެ ތަކެތި ގަނެވޭނެ ގޮތެއް ނެތެވެ.
ހަތް ކުދިންގެ މަންމައެއް ކަމަށްވާ ޣަދީރު ނައްޞާރު ކިޔައިދިން ގޮތުގައި، އޭނާގެ އާއިލާއަށް ކާބޯތަކެތި ހޯދުމަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ ބޮޑު ޖިހާދެކެވެ. އޭނާގެ ފިރިމީހާއަކީ ދާއިމީ ވަޒީފާއެއް އޮންނަ މީހަކަށް ނުވާއިރު، ލިބޭ މަދު ފައިސާކޮޅުން އާއިލާގެ ބޭނުންތައް ނުފުދެއެވެ. "އަހަރެންގެ ކުދިންނަށް ކާންދޭނެ އެއްޗެއް ނުފެންނަ އެތައް ފަހަރެއް އާދޭ. ބައެއް ފަހަރު ތަރުކާރީ ޕައުޑަރު އެޅި ފެން ކައްކައިގެން ކުދިންނަށް ބޯންދެން،" ނައްޞާރު ކިޔައިދިނެވެ. އޭނާ ވަނީ ކުދިންނަށް ކާންދިނުމަށްޓަކައި ކައިވެނީގެ އަނގޮޓި އާއި ފިރިމީހާގެ ފޯނު ވެސް ވިއްކާލާފައެވެ.
ޣައްޒާ ސިޓީގައި ފިހާރައެއް ހިންގާ މާހިރު އަލްޚުދަރީ ބުނި ގޮތުގައި، ކުރިއާ އަޅާބަލާއިރު މީހުން ތަކެތި ގަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރިން ކިލޯއަކުން ތަރުކާރީ ގަންނަ މީހުން މިހާރު ގަންނަނީ މަދު އެތިކޮޅެކެވެ. މުދާ ލިބެން ހުރި ނަމަވެސް، އެ ތަކެތި އެތެރެކުރުމަށް ހިނގާ ޚަރަދު ބޮޑުވުމުގެ ސަބަބުން އަގުތައް ހުރީ އާންމުންނަށް އަތްފޯރާ ފަށަށްވުރެ މާ މަތީގައެވެ. ގިނަ ބަޔަކު ދަރަންޏަށް ތަކެތި ހޯދަން އެދޭއިރު، ވިޔަފާރިވެރިންނަށް ވެސް އެފަދަ އެހީތެރިކަން ދިނުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އިގްތިސާދީ މާހިރު މުހައްމަދު އަބޫ ޖިއާބު ވިދާޅުވި ގޮތުގައި، ބާޒާރުގައި މުދާ ހުރުމަކީ އިގްތިސާދީ ހަރަކާތްތައް ހިނގާކަމުގެ ހެއްކެއް ނޫނެވެ. ޣައްޒާގެ އިގްތިސާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާ ދައުރުވުން މަދުވުމެވެ. ހަނގުރާމައިގެ ސަބަބުން އާއިލާތަކުގެ ރައްކާކުރި ފައިސާ ހުސްވެ، އާމްދަނީ ލިބޭނެ މަގުތައް ބަންދުވުމުން، ގިނަ ބަޔަކު މިހާރު ބަރާބަރުވަނީ އިންސާނީ އެހީއަށެވެ.
އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާގައި ކާބޯތަކެތީގެ އަގުތައް ވަނީ ހަނގުރާމައިގެ ކުރިއާ އަޅާބަލާއިރު 102 އިންސައްތަ މައްޗަށް ގޮސްފައެވެ. ވޯލްޑް ފުޑް ޕްރޮގްރާމުން ފާހަގަކުރާ ގޮތުގައި، ފާއިތުވި ދެ މަސްދުވަހު ބާޒާރަށް މުދާ ވެއްދޭ މިންވަރު އިތުރުވި ނަމަވެސް، ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން އެ ތަކެތި ނުގަނެވޭ އާއިލާތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
ޣައްޒާގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރެވެ. އިސްރާއީލުން ޣައްޒާ އާރާސްތުކުރުމަށް ހުރަސްއަޅަމުންދާހާ ހިނދަކު، އިގްތިސާދު އިއާދަވެ، އާންމުންނަށް ވަޒީފާގެ ފުރުސަތުތައް ލިބުމަކީ ދުރު ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ.