ޚަބަރު
ޑިސްޓްރިބިއުޝަން ފޮއްޓަކީ ކުނި ބަހައްޓާ ތަނެއް ނޫން!

ޑިސްޓްރިބިއުޝަން ފޮއްޓެއްގެމަތީ ހުސްދަޅު ބަހައްޓާފަ ފޮޓޯ: ފަރުދުން
މަގުތަކުގައި ބެހެއްޓިފައިވާ ކަރަންޓު ފޮށިތައް ނުވަތަ "ޑިސްޓްރިބިއުޝަން" ފޮށިތަކަކީ ކުނި އެޅުމަށް ޚާއްޞަކުރެވިފައިވާ ތަންތަނެއް ނޫނެވެ. މިއީ ރަށުގެ ކަރަންޓު ވިއުގައިގެ އަސާސީ ބައެކެވެ. މި ފޮށިތަކުން ކަށަވަރުކޮށްދެނީ ގޭބިސީތަކަށާއި، އޮފީސްތަކަށާއި، ތަޢުލީމީ މަރުކަޒުތަކަށް ކަރަންޓު އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމެވެ.
މި ފޮށިތަކުގައި ކުނި އެޅުމާއި އިޝްތިހާރު ތަތްކުރުމަކީ މަގުތަކުގެ ސާފުތާހިރުކަން ގެއްލުމުގެ އިތުރުން، މަރާމާތުކުރުމަށް ހުރަސްއެޅި، ސަލާމަތީ ގޮތުން ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. ސްޓެލްކޯއިން މި ފޮށިތަކަށް އައު ސިފައެއް ގެނެސްދީ، އޭގެ ބޭނުން އަލުން އާކޮށްދީފައިވާކަން ފާހަގަކުރަމެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސެއިން ފަހުމީ ޑިސްޓްރިބިއުޝަން ފޮށި ސާފުކުރައްވަނީ
މި ފޮށިތައް ކުނިއަޅާ ތަނެއްގެ ގޮތުގައި ނުވަތަ އިޝްތިހާރު ބޯޑެއްގެ ގޮތުގައި ބޭނުންކުރުމުން ރަށުގެ ޢާންމު ސާފުތާހިރުކަމަށް އަސަރުކޮށް، މި މުހިންމު ވަސީލަތުގެ ބޭނުން އެދެވޭ ގޮތުގައި ނުހިފޭކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، މި ފޮށިތަކުން ހޫނު އަލިފާން ހިފާ ޒާތުގެ ތަކެއްޗާ އެކުވުމުން ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވެދާނެއެވެ. އަދި ފޮށީގެ ބޭރުގައި އެއްޗެހި ހުރުމުން ފަންނީ މާހިރުންނަށް އެމީހުންގެ މަސައްކަތް ހަލުވިކަމާއެކު ކުރުމަށް ދަތިވެއެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މުހިންމު މި ވަސީލަތްތަކަށް އިޙްތިރާމްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. ޑިސްޓްރިބިއުޝަން ފޮށިތަކުގައި ކުނި އެޅުމުގެ ބަދަލުގައި، އެކަމަށް ޚާއްޞަކުރެވިފައިވާ ކުނިއަޅާ ތަންތަން ބޭނުންކުރުމަށް އިސްކަންދޭށެވެ. އަދި އިޝްތިހާރު ކުރަން ބޭނުންވާނަމަ، އެކަމަށް އެކަށޭނަ ތަންތަން ބޭނުންކުރުމަށް ސަމާލުކަން ދޭށެވެ.
މި ފޮށިތައް ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި ސްޓެލްކޯގެ ޒިންމާއެއް ނޫނެވެ. އަޅުގަނޑުމެންގެ މާޙައުލު ސާފުކޮށް، ރައްކާތެރިކޮށް، ބެލެހެއްޓުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެވެސް ވާޖިބެކެވެ.