ދުނިޔެ
ޣައްޒާގެ އާބާދީގެ 10 އިންސައްތަ ބަނޑުހައިހޫނުކަމުގެ ތުންފަތްމަތީގައި: އެކުވެރި ދައުލަތްތައް
ްުޣައްޒާގެ ކާއެއްޗެހި ބަހާ ތަނެއްގައި ބަޔަކު އެއްވެފަ. ފޮޓޯ: ޤުދުސް
އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައި އޮތުމުގެ ސަބަބުން، އެ ސަރަހައްދުގެ އާބާދީގެ ބޮޑު ބައެއް ބަނޑުހައިހޫނުކަމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އދ. އިން އިންޒާރު ދީފިއެވެ.
ފަލަސްތީނުގައި ހުންނަ އދ. ގެ އިންސާނީ އެހީއާ ބެހޭ އޮފީސް (އޯސީއެޗްއޭ) ގެ އިސްވެރިޔާ ޖަސްޓިން ބްރޭޑީ ވިދާޅުވީ، ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 10 އިންސައްތަ މީހުން މިހާރު ތިބީ ބަޑަށްޖެހުމުގެ އެންމެ ނުރައްކާތެރި މަރުހަލާގައި ކަމަށެވެ.
ރާމަﷲގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރޭޑީ ހާމަކުރެއްވި ގޮތުގައި، ޣައްޒާގެ ރައްޔިތުންގެ 67 އިންސައްތަ މީހުންނަކީ ކާބޯތަކެތީގެ ރައްކާތެރިކަން ނެތް މީހުންނެވެ. އަދި ދެލައްކައަށްވުރެ ގިނަ މީހުން ތިބީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަނޑުހައިހޫނުކަން އިއުލާނުކުރުމުގެ ކުރިން އަންނަ އެންމެ ފަހު މަރުހަލާގައެވެ. މި ދިރާސާއަކީ 20 ޖަމިއްޔާއަކަށް ނިސްބަތްވާ 60 އަށްވުރެ ގިނަ ތަޖުރިބާކާރުންގެ ފަންނީ މަސައްކަތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ބްރޭޑީ ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެނުނު ނަމަވެސް، މިއީ ދިރިއުޅުމުގެ ހާލަތަށް އައި ހަގީގީ ބަދަލެއް ނޫނެވެ. "މި ކުރިއެރުމަކީ ހަމައެކަނި އިންސާނީ އެހީ މެދުނުކެނޑި ފޯރުކޮށްދެވުމުގެ ނަތީޖާއެއް. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އާމްދަނީ ލިބޭނެ މަގުތައް ފަހިވެގެން ނުވަތަ ދަނޑުބިންތަކަށް އެނބުރި ދެވިގެން އައި ބަދަލެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ޖަމިއްޔާ (ޑަބްލިއު.އެފް.ޕީ.) އިން ނޮވެމްބަރު މަހުން ފެށިގެން ޣައްޒާގެ އާބާދީގެ 75 އިންސައްތަ މީހުންނަށް އެހީ ފޯރުކޮށްދީފައިވާއިރު، އެހީގެ މިންވަރު މަދުވެއްޖެނަމަ ހާލަތު ވަރަށް އަވަހަށް ގޯސްވެގެންދާނެ ކަމަށް އދ. އިން ބުނެއެވެ. ކާބޯތަކެތީގެ އިތުރުން، 4,000 އަށްވުރެ ގިނަ ކުޑަކުދިންނާއި ކިރުދޭ މައިންނަށް ކުއްލި ސިއްހީ އަދި ކާނާގެ އެހީތެރިކަން ބޭނުންވެފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ އެ އެއްބަސްވުމާ ހިލާފުވަމުންނެވެ. އެއްބަސްވުމަށްފަހުވެސް އިސްރާއީލުގެ ހަމަލާތަކުގައި 1,250 މީހުން ޝަހީދުވެ، 4,000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. އދ. އިން ގޮވާލަނީ ހަމައެކަނި އެހީއަށް ބަރޯސާވުމުގެ ބަދަލުގައި، ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލައަށް މަސައްކަތްކޮށްގެން އުޅެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުމަށެވެ.